ބަނޑަށް ޖައްސާފައިވާ މީހުންނާއި ހަނގުރާމައިގެ ޖަރީމާތަކުގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ މީހުންނަށް ހެޔޮ ދުއާކުރުމުން އިނގިރޭސި ޕާލަމެންޓްގެ މެންބަރުންނާއި ލޯޑުން ނުރުހުން ފާޅުކޮށްފިއެވެ.
ސްޕީކަރުގެ ދީނީ މުޝީރު ފާދިރީ މާކް ބާރޗް، ވަނީ ސުއާލު ޖަވާބުގެ ވަގުތުގެ ކުރިން ބާއްވާ ދުޢާ ކުރުމުގައި ޣައްޒާއަށް ދުޢާ ކޮށްފައެވެ. އެކަމަށް ފާޑުކިޔަމުން މެންބަރުން ބުނެފައި ވަނީ "ކުރިން ނުކުރާ" ގޮތަކަށް ދުޢާ ކުރުމަކީ ހަމަހަމަކަން ގެއްލޭ ކަމެއް ކަމަށެވެ. އަދި ހަމާސްގެ މެހުމާންދާރީގައި ތިބި ހަނގުރާމައިގެ އަސީރުންނަށް ދުއާ ނުކުރާ ކަމަށާއި ޔުކްރެއިންގެ ހަނގުރާމައަށް ދުއާ ނުކުރާކަމަށާއި އަދި ދާފޫރުގައި ބަނޑަށް ޖެހިފައިވާ މީހުންނަށްވެސް ދުއާ ނުކުރާ ކަން އެމީހުން ފާހަގަ ކުރެއެވެ.
އެއް މެންބަރަކު ބާރޗްއަށް ތުހުމަތުކޮށް ބުނެފައި ވަނީ މި ކަމަކީ، ވާތުފިޔައިގެ ލޭބަރ ޕާޓީގެ މެންބަރުންނަށް ތާއީދު ހޯދުމަށް ކުރި މަސައްކަތެއް ކަމަށެވެ. ބާރޗް ވަނީ ބައެއް މެމބަރުންގެ އަރިހުން އަމިއްލަ ގޮތުން މަޢާފަށް އެދިވަޑައިގެންފައެވެ.
ހައުސް އޮފް ކޮމަންސްގެ ތަރުޖަމާނަކު ސާފުކޮށް ދެއްވި ގޮތުގައި ސްޕީކަރު ދުވަހުން ދުވަހަށް ދުޢާގައި ހިމެނެނީ ކޯޗެއްތޯ ނުބައްލަވާ ކަމަށާއި އަދި އޭގައި ހިމެނޭ ބައިތައް ކޮންޓްރޯލް ނުކުރައްވާ ކަމަށެވެ. އަދި ފާދިރީގެ މަޤްޞަދަކީ އެއްވެސް މީހަކަށް ނުތަނަވަސްކަމެއް ދެއްވުން ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި ބައެއް ފަހަރު ބައިނަލްއަޤްވާމީ މައްސަލަތަކަށް އިޝާރާތްކުރެވޭކަން ފާހަގަކުރެއްވިއެވެ.
މި މައްސަލަ ކުރިމަތިވެފައިވަނީ އިނގިރޭސިވިލާތުގެ ޕާލިމެންޓު ބޭރުގައި އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށާއި ޔޫކޭއިން އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް އެދި މީހުން މުޒާހަރާކުރަމުން ދަނިކޮށެވެ. އަދި ޖެރެމީ ކޯބިން ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އިނގިރޭސިވިލާތުން ބައިވެރިވުމާ ބެހޭގޮތުން ތަޙުޤީޤެއް ހިންގުމަށް ގޮވާލައްވާފައެވެ.





