މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހޮލެންޑްގެ ކޯޓަކުން އިސްރާއީލަށް އެފް-35 ޖެޓުގެ ބައިތައް ސީދާ އެކްސްޕޯޓް ކުރުން މަނާކުރި ނަމަވެސް، ނެދަލޭންޑްސްއިން އަދިވެސް އެފް-35 ގެ ސާމާނުތައް ޔަހޫދީ ގައުމަށް ސަޕްލައި ކުރާ ކަމަށް ފަލަސްތީނު ޔޫތު މޫވްމަންޓް (ޕީވައިއެމް) އިން ހޯދި ޑޮކިއުމެންޓްތަކުން ސާބިތުވެއެވެ. ނެދަރލެންޑްސްއިން އިޒްރޭލަށް އެފް-35 ގެ ބައިތައް ފޮނުވަނީ ރޮޓަރޑަމް ބަނދަރު ބޭނުން ކޮށްގެންނެވެ.
2023 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން 2025 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް އެތައް ދޮޅަސް ޝިޕްމަންޓް އިޒްރޭލަށް ފިނުވާފައިވާކަން ސާބިތުވެއެވެ.
އިސްރާއީލުން އެފް-35 ޖެޓުތައް ބޭނުންކޮށްގެން ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދެއެވެ. މިކަމުގެ ސަބަބުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 50،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ޑަޗް އެންޖީއޯއެއް ކަމަށްވާ ދަ ރައިޓްސް ފޯރަމް އިން ބުނާ ގޮތުގައި ރޮޓަރޑަމް ބަނދަރުން މިތަކެތި ސަޕްލައި ކޮށްދިނުމުން އެތަނަކީ ޣައްޒާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގައި ބައިވެރިވާ ފަރާތެއް ކަމަށް ދޭހަކޮށްދެވެއެވެ. ނަމަވެސް ޑަޗް ފޮރިން މިނިސްޓްރީން ބުނާ ގޮތުގައި އެމީހުން ކޯޓުގެ އަމުރާ ޚިލާފް ވެފައެއް ނުވެއެވެ. މި ޙުކުމަކީ، ހަމައެކަނި އިޒްރޭލަށް ކުރާ އެކްސްޕޯޓާއި އަދި ޓްރާންސިޓްތައް މަނާ ކުރާ ޙުކުމެކެވެ.
ރޮޓަރޑަމް ޕޯޓުގެ އޮފިޝަލުން ބުނާ ގޮތުގައި އެމީހުން ބަލަހައްޓަނީ ހަމައެކަނި ތިމާވެށި އަދި ސަލާމަތީ ކަންކަމާ ބެހޭ ޗެކްތައް ކަމަށެވެ. އަދި ހުއްދަތައް ބަލަހައްޓަނީ ސަރުކާރުންނެވެ. މި ރޫލިންގ އާ ދެކޮޅަށް ހޮލެންޑްގެ ސަރުކާރުން އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލަ ދަނީ ހިނގަމުންނެވެ.
ހޮލެންޑްގެ ސަރުކާރު ވައްޓާލާފައި ވުމާއެކު މިކަމަށް އިތުރު ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.




