އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ ކުރީގެ ރަހުމަތްތެރިޔާ އީލޮން މަސްކް އާ ދެމެދު ހޫނުވަމުން އަންނަ ޒުވާބެއްގެ ތެރޭގައި، ޓްރަމްޕް ވަނީ މަސްކް އާ ވާހަކަ ދެއްކުމަށް ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފައެވެ. "އެއްވެސް ގޮތަކަށް ޝައުޤުވެރިކަމެއް ނެތް" ކަމަށް މިއަދު ވިދާޅުވެފައި ވެއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މަސްކް ވަނީ "ބޯ ގޮވާފައެވެ".
މި ދެ ފަރާތުގެ ދެމެދުގައި ޖަދަލު ކުރަން ފެށުނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް މަސްކް، އުފެއްދި ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝެންސީ (ޑޯޖް) ގެ އިސް މަޤާމުން ވަކިވުމަށްފަހު، ޓްރަމްޕްގެ ޓެކްސް ކުޑަކުރުމާއި ޚަރަދުކުރުމުގެ ބިލަށް ފާޑުކިޔަން ފެށުމުން ނެވެ.
އޭބީސީ ނިއުސް އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި، މި ޖަދަލުގެ ތެރޭގައި މަސްކް އާ ވާހަކަ ދެއްކުމަށް ފޯނު ކޯލެއް ތާވަލު ކުރެވިފައިވާ ކަމަށް ބުނާ ރިޕޯޓުތަކާ ގުޅޭ ގޮތުން ޓްރަމްޕް އާ ސުވާލު ދެންނެވުނެވެ.
"ތިޔަ ބުނަނީ ބޯ ގޮވާފައި ހުރި މީހާގެ ވާހަކަތަ؟" ޓްރަމްޕް ސުވާލު ކުރެއްވިއެވެ. އަދި އޭނާ އާ ވާހަކަ ދެއްކުމަށް "އެއްވެސް ގޮތަކަށް ޝައުޤުވެރިކަމެއް ނެތް" ކަމަށް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މަސްކް ބޭނުންވަނީ އޭނާ އާ ވާހަކަ ދައްކާށެވެ. ނަމަވެސް އޭނާ އަދި އެކަމަށް ތައްޔާރެއް ނޫނެވެ.
މި ޖަދަލު ފެށުނީ މަސްކްގެ ވިޔަފާރިތަކާ ގުޅިފައިވާ ސަރުކާރުގެ ކޮންޓްރެކްޓްތައް ބާތިލުކުރާނެ ކަމަށް ޓްރަމްޕް ބިރު ދެއްކުމުންނެވެ. މިއީ ސަރުކާރުގެ ހަރަދުކުރުމުގެ ބިލަށް މަސްކް ކުރިމަތި ކުރި ފާޑުކިޔުމަށް ޓްރަމްޕް ދެއްވި ޖަވާބެކެވެ.
ޓްރަމްޕް ވިދާޅުވީ އޭނާގެ ބިލަކީ، "ބޮޑު، ރީތި ބިލެއް" ކަމަށެވެ. އަދި މަސްކް އާ މުޢާމަލާތް ކުރަން އުދަގޫ ކަމަށާއި، އޭނާ މާ ބޮޑަށް ކަންކަމަށް ގޮތް ކިޔައ ހަދަނީ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.
މި ހުރިހާ ކަމެއްގެ މެދުތެރޭގައި މަސްކްގެ ޓެސްލާ ކުންފުނީގެ ހިއްސާ ވަނީ 14 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެ ސަބަބުން ކުންފުނީގެ ބާޒާރުގެ އަގުގެ 150 ބިލިއަން ޑޮލަރު ވަނީ ގެއްލިފައެވެ.






