ޣައްޒާގައި އިޒްރޭލުން ހިންގާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާ ޤަރާރު އެމެރިކާއިން ވީޓޯ ކޮށްފިއެވެ. ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ވަގުތީ ސަފީރު ޑޮރޮތީ ޝިއާ ވަނީ އެ ޤަރާރުގައި ހަމާސް ކުށްވެރިކޮށްފައި ނުވުމާއި، ހަމާސްގެ ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށާއި ހަމާސް ޣައްޒާ ދޫކޮށް ދިނުމުގެ ވާހަކަ ނެތުމުން އެ ގަރާރު ވީޓޯ ކޮށްފައެވެ.
އެމެރިކާއިން އަމަލު ކޮށްފައިވާ ގޮތުން އިޒްރޭލުގެ ޒަޔަނިސްޓު ނިޒާމަށް ހަނގުރާމައިގެ ޖަރީމާތައް ހިންގަން އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
15 މެންބަރުންގެ މަޖިލީހުގެ 10 މެންބަރުން ހުށަހެޅި މި ޤަރާރުގައި، އިސްރާއީލާއި ހަމާސްއާ ދެމެދު ވަގުތުން، އެއްވެސް ޝަރުތަކާ ނުލައި، ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށާއި، ހަނގުރާމައިގައި ހިފަހައްޓާފައިވާ އެންމެހައި އަސީރުން ދޫކޮށްލުމަށާއި، އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ގޮވާލާފައިވެއެވެ.
އިޒްރޭލުގެ ޒަޔަނިސްޓު ޔަހޫދީންގެ ސަރުކާރަށް ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ހަތިޔާރު ދޭ އެމެރިކާ ފިޔަވައި މަޖިލީހުގެ އެހެން ހުރިހާ މެންބަރުން މި ޤަރާރަށް ތާއީދުކޮށް ވޯޓު ދިނެވެ.
ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި ޣައްޒާގައި ދެ މިލިއަނަށްވުރެ ގިނަ މީހުން ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލަމުންދާއިރު، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.
އެމެރިކާއާއި އިޒްރޭލުން ވަނީ ޣައްޒާގައި އެހީ ދިނުން ރަމުޒު ކަމަކަށް ހަދައި އެކަން އެމެރިކާގެ ކުލީ ސިފައިންނާ ހަވާލުކޮށްފައެވެ.
އިސްރާއީލުން ވަނީ 11 ހަފުތާ ވަންދެން ޣައްޒާ މީހުން ބަނޑަށް ޖައްސާފައެވެ.




