މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސް، ތާރީޚުން ޖާގަ ހޯދައިފިއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން މިއަދު ހާމަކުރި ގޮތުގައި، މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގއެވެ. އޭނާ ރާއްޖެ އައީ އިންޑިގޯ ފްލައިޓް އިންނެވެ. ކާޖަލް ރާއްޖެ އައިސްފައިވަނީ މަލަހިނި ކުޑަ ބަނޑޮސްގައި ހަނީމޫން ހޭދަކުރުމަށެވެ. އަދި މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
މި ކާމިޔާބީއާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް ބައިވެރިވެ ވަޑައިގަތް ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ.
މިނިސްޓަރު ތާރިގް ވިދާޅުވީ މިއީ ރާއްޖޭގެ ހަގީގީ ތަޖުރިބާ އިޝްތިހާރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއް ކަމަށެވެ. އަދި މިއީ ބޭރުގައި ރާއްޖޭގެ މަގުބޫލުކަން ދައްކުވައިދޭ ކަމެއް ކަމަށާއި، މި ކާމިޔާބީއަށް މަގުފަހިވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ ސަބަބުން ކަމަށް ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރުސީން އިތުރަށް ހާމަކުރި ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް، ފަތުރުވެރިންގެ އަދަދު އެއް އަހަރު ތެރޭ އެންމެ އަވަހަށް މިލިއަނަކަށް އެރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، 2023 ވަނަ އަހަރު މިލިއަން ހަމަވީ ޖޫން މަހުގައެވެ.
މި ރަސްމިއްޔާތުގައި، ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރެވޭ މަސައްކަތް ފާހަގަކުރުމުގެ ގޮތުން، އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ގަހެއް އިންދުމުގެ ފުރުސަތު ދެވުނެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފައްޓަވައިދެއްވި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން ކުރެވުނު ކަމެކެވެ.
ރާއްޖޭގެ މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. ސަރުކާރާއި އެމްއެމްޕީއާރުސީން ވަނީ މި އަދަދަށް ފަތުރުވެރިން ގެނެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އޮތް ކަމަށް ބުނެފައެވެ.

