މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ސިފައިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

ލޮސް އެންޖެލިސްގައި މުހާޖިރުން ހައްޔަރުކުރުމަށް އިމިގްރޭޝަނުން ކުރާ ރޭޑްތަކާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކާ ކުރިމަތިލުމަށް އެމެރިކާ ސިފައިން ނެރެން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު ޓްރަމްޕް ސިފައިން ނެރުމަށް ގަރާރެއްގައި ސޮއިކުރައްވައިފިއެވެ.

ޓްރަމްޕް ގެ "ޓްރޫތް" ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ލިޔުއްވާފައިވަނީ ކެލިފޯނިއާގެ ގަވަރނަރު ގެވިން ނިއުސަމް އާއި ލޮސް އެންޖެލިސްގެ މޭޔަރު ކެރެން ބާސް އަށް ފިޔަވަޅު ނޭޅޭނަމަ އެމެރިކާގެ މަރުކަޒީ ސަރުކާރުން ފިޔަވަޅު އަޅައި، ހަމަނުޖެހުންތަކާއި ލޫޓުވުން ހައްލުކުރެވުނު ގޮތަކަށް ހައްލުކުރާނެ ކަމަށެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން، ވައިޓް ހައުސްއިން އިޢުލާން ކޮށްފައި ވަނީ ކެލިފޯނިއާގައި އުފެދިފައިވާ ހަމަނުޖެހުން ހައްލުކުރުމަށް ނޭޝަނަލް ގާޑްގެ 2,000 ސިފައިން ފޮނުވުމަށް ޓްރަމްޕް ރިޔާސީ ގަރާރެއްގައި ސޮއިކުރެއްވި ކަމަށެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، ލޮސް އެންޖެލިސްގައި ފުލުހުންނަށް އެހީތެރިވުމަށް ދިފާއީ ވުޒާރާއިން ސިފައިން ފޮނުވުމަށް ވަގުތުން ފޯސްއެއް ތައްޔާރުކޮށްލާނެ ކަމަށެވެ. އަދި ހެގްސެތު އިތުރަށް ވިދާޅުވީ، މުޒާހަރާ ކުރާ މީހުންގެ އަނިޔާވެރިކަން ކުރިއަށްދާނަމަ ކެލިފޯނިއާގެ ކޭމްޕް ޕެންޑްލްޓަން އަސްކަރީ މަރުކަޒުގައި ތިބި ސިފައިން ވެސް އެތަނަށް ފޮނުވަން ޖެހިދާނެ ކަމަށެވެ.

ލޮސް އެންޖެލިސްގެ އިރުދެކުނު ސަރަޙައްދުގެ ޕެރަމައުންޓް ނަމަކަށް ކިޔާ ސަރަޙައްދުގައި އިއްޔެ މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ކުރިމަތިލާފައިވާއިރު، މުޒާހަރާގެ ބައިވެރިއަކު ވަނީ މެކްސިކޯގެ ދިދަ އުފުލާ ފައެވެ. މުޒާހަރާ ކުރި މީހުން ތިބީ މާސްކު އަޅައިގެން މޫނު ފޮރުވައިގެންނެވެ.

ހިއްސާ ކުރައްވާ!