މަހާސާދާގަރު މަސްކު ޓްރަމްޕަށް ޖާސޫސް ކުރާ ކަމަށް ތުހުމަތުކޮށްފި

މަސްކުގެ އެންމެ ނުފޫގަދަ ދުވަސްތަކުގައި އޭނާ ވައިޓްހައުސްގެ ފުރާޅުމަތީގައި ހަރުކުރި ސްޓާލިންކު ޑިޝް އެންޓެނާގެ ސަބަބުން ވައިޓްހައުސްގެ އެތެރޭގައި ވައިފައި ވިއުގައަށް ޖާސޫސް ކުރެވޭ ކަމަށް ޥޮޝިންޓަން ޕޯސްޓުން ތުހުމަތުކޮށްފިއެވެ.

އެނޫހުން ބުނިގޮތުގައި މި ޑިޝް ހަރުކޮށްފައި ވަނީ ވައިޓްހައުސްގެ އައިޓީ ޑިޕާޓްމަންޓުގެ ހުއްދައަކާ ނުލައެވެ. އަދި ވައިޓްހައުސްގެ ފޯނުތަކުން މި ވައިފައި ފެނިފައިވާ ކަމަށާއި ޔޫޒާ ނޭމެއް އެހުމަކާ ނުލައި ހަމައެކަނި ޕާސްވޯޑެއް އަހަން އުޅެފައިވާތީ ބައެއް ފަހަރަށް ސުއާލު އުފެދިފައިވާ ކަމަށް ބުނެއެވެ. އަދި މި ސްޓާލިންކު ޑިޝްއަކީ ކީއްވެގެން ބަހައްޓާފައިވާ އެއްޗެއްކަން މަސްކުގެ އޮފީހުންވެސް އަދި އަދަށްވެސް ސާފުކޮށްދީފައި ނުވާ ކަމަށް ޕޯސްޓުން ބުނެއެވެ.

މަސްކާއި ޓްރަމްޕް ވަނީ ޒުވާބުކުރުމަށް ފަހު ރުޅިވެފައެވެ. މަސްކުގެ ކުންފުންޏަށް ސަރުކާރުން ލިބެން ހުރި ކޮންޓްރެކްޓްތައް ގެއްލިދާނެތީ މަސްކު ޓްރަމްޕް ލޮއްސަން ބޭނުން ވެއެވެ. ނަމަވެސް ޓްރަމްޕު ހުރީ މަސްކަށް މައާފު ކުރާ ވަރަށް ވުރެން ބޮޑަށް ހިތު ޖެހިފައެވެ.

ވޮޝިންޓަން ޕޯސްޓުން ރިޕޯޓު ކުރާ ގޮތުގައި ޓްރަމްޕް ސަރުކާރުން ވަނީ މަސްކުގެ ސްޕޭސްއެކްސްގެ ޓެކްނޮލޮޖީއަށް ބަރޯސާވުމުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވުމަށް ސަރުކާރުގެ އިތުރު އިދާރާތަކުން ވާދަވެރި ޓެކްނޮލޮޖީއަށް މަސައްކަތް ކުރުމަށް އިރުޝާދު ދީފައެވެ.

ވޮޝިންޓަން ޕޯސްޓުން އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުގައި މަސްކުގެ ކުންފުނީގެ ޖައްވީ އުޅަނދުތަކަށް ބަރޯސާ ނުވުމަށް އަމިއްލަ އުޅަނދުތައް ތަރައްގީކުރުން އަވަސްކުރުމަށް ނާސާ އާއި ޕެންޓަގަން އަށްވެސް ވަނި އަންގާފައެވެ.

އެމެރިކާ ސަރުކާރު ދެކެ ރުޅިއައިސްގެން މި ހަފްތާގެ ކުރީކޮޅު މަސްކް ވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ކާނާ އާއި ތެޔޮ ފަދަ މުހިންމު މުދާ ފޯރުކޮށްދޭ ނާސާގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ މަސްކުގެ ޑްރެގަން ޖައްވީ އުޅަނދުގެ އުދުހުން ހުއްޓާލާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.

ނަން ނުޖެހޭ އެއް މަސްދަރަކުން ބުނެފައި ވަނީ، ޑްރެގަން އުޅަނދުގެ މަސައްކަތް ހުއްޓާލުމަށް މަސްކް ދިން އިންޒާރަކީ "ހަގީގަތުގައި ވެސް ބިރުވެރި އިންޒާރެއް" ކަމަށެވެ. ނަމަވެސް އޭގެ 24 ގަޑިއިރު ނުވަނީސް މަސްކް ވަނީ އެ އިންޒާރު ބާތިލްކޮށްފަ އެވެ.

ހިއްސާ ކުރައްވާ!