މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލްމަރްޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް، މި ހަފްތާގެ ހުކުރު ދުވަހު ދިވެހިރާއްޖޭގެ ހުކުރު ކުރާ މިސްކިތްތަކުގައި ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމަވައިފިއެވެ.
މި ނިންމެވުން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޝައިޚް ފަރީދުގެ ޖަނާޒާގެ ކަންތައްތައް މެލޭޝިޔާގައި ކުރިއަށް ގެންދިއުމަށް ޢާއިލާއިން ނިންމަވާފައިވާތީ، ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރުމަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ. އަދި މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ޝައިޚް ފަސްދާނުލެވިއްޖެނަމަ، ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު، ރާއްޖޭގެ އެންމެހައި ހުކުރު މިސްކިތްތަކުގައި ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވެއެވެ.
ޝައިޚް އިބްރާހީމް ފަރީދު އަވަހާރަވީ މެލޭޝިޔާގެ ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.







