ހަނގުރާމައިގެ ޖަރީމާތަކަށް އިނގިރޭސި ސަރުކާރުން ވާގިވެރި ވަމުން ދިއުމާ ގުޅިގެން އިނގިރޭސި ޚާރިއްޖާގެ މުވައްޒަފުން ސަރުކާރަށް އިންޒާރު ދީފިއެވެ. އިނގިރޭސިވިލާތަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގަން ޔަހޫދީ ސަރުކާރަށް ހަތިޔާރު ވިއްކާ ޤައުމެކެވެ. އިނގިރޭސި ފޮރިން އޮފީހުގެ 300 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ މިނިސްޓަރު ޑޭވިޑް ލެމީއަށް ފޮނުވި ސިޓީއެއްގައި އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް ބީބީސީން ރިޕޯޓު ކުރެއެވެ.
މެއި މަހުގެ 16 ވަނަ ދުވަހު ފޮނުވި ސިޓީގައި މުވައްޒަފުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ހަނގުރާމައިގެ ޖަރީމާތަކުގައި އިނގިރޭސިވިލާތުން ބައިވެރިވެފައި އޮވެދާނެ ކަމާ މެދު ސުވާލު އުފައްދާފަ އެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މެއި މަހުގެ 16 ވަނަ ދުވަހު ސޮއިކުރި މި ސިޓީއަކީ 2023 ވަނަ އަހަރުގެ ފަހުކޮޅު ސިވިލް ސާވަންޓުން ވަޒީރުންނާއި ފޮރިން އޮފީހުގެ އިސްވެރިންނަށް ފޮނުވި މިފަދަ ހަތަރު ވަނަ ސިޓީއެވެ.
މިފަދަ ސިޓީތަކުގެ ގިނަކަމުން ޔޫކޭ ފޮރިން އޮފީހުގެ ތެރޭގައި ހަނގުރާމައިގެ ޖަރީމާތަކާ މެދު ކަން އޮތް ކަންބޮޑުވުން ހާމަވެގެންދާ ކަމަށް ބީބީސީން ބުނެއެވެ. މިސިޓީގައި ސޮއިކުރި ފަރާތްތަކުގެ ތެރޭގައި ފޮރިން އޮފީހުގެ ޑިޕާޓްމަންޓްތަކާއި އެމްބަސީތަކާއި މިޝަންތަކުގެ މުވައްޒަފުން ހިމެނެއެވެ.





