ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި، ސީރިއަސް ތުހުމަތެއް ކުރައްވައިފިއެވެ. ޝައިޚު ވިދާޅުވަނީ، ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ އަވަހާރަވުމާ ގުޅިގެން ދިގު މުއްދަތެއްގައި އުފެދިފައިވާ ޝައްކު މިހާރު ޔަޤީންކަމަކަށް ބަދަލުވެފައިވާ ކަމަށެވެ. މި ބަޔާނުން ދޭހަވަނީ ޑރ. ޢަބްދުލްމަޖީދުގެ އަވަހާރަވުމަކީ ޤަޞްދުގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި ޝައިޚް އިމްރާން ދެކެވަޑައިގަންނަވާ ކަމެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ ތަފްސީރު ޢިލްމުން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވީ 22 މޭ 2018 ގައި ސްރީލަންކާގައި، 55 އަހަރުގެ ޢުމުރުފުޅުގައެވެ.
ޝައިޚް އިމްރާންގެ ޕޯސްޓުގައި މި ތުހުމަތާ ގުޅޭ އިތުރު ތަފްޞީލެއް ހިމަނުއްވާފައެއް ނުވެއެވެ. ޝައިޚް އިމްރާން ހޯމް މިނިސްޓަރުކަން ކުރެއްވި އިރު މިފަދަ ތުހުމަތެއް ކުރައްވާފައެއް ނުވެއެވެ. އަދި ކުއްލިއަކަށް މިއަދު މިފަދަ ތުހުމަތެއް އާންމުކޮށް ކުރެއްވީ ކީއްވެގެން ކަމެއްވެސް ސާފެއް ނުވެއެވެ. ޝައިޚު ފޯނު ނުނަންގަވާތީ މިކަމާ ގުޅޭ އިތުރު ތަފްސީލު ލިބޭ ގޮތެއް ނުވިއެވެ.





