ޕެރިސް އެއާ ޝޯގެ ގަވާއިދާ ޚިލާފުވުމުން އިޒްރޭލު ސްޓޯލްތައް ބަންދުކޮށްފި

ޕެރިސް އެއާޝޯގައި އިޒްރޭލުގެ މައި ކުންފުނީގެ ސްޓޭންޑްތައް ހޯމަ ދުވަހު ފްރާންސުން ބަންދުކުރަން އަންގައިފިއެވެ. އެތާނގައި ދައްކާފައި ހުރި ހަމަލަދޭ ހަތިޔާރުތައް ނުދެއްކުމަށް ފާރްންސުން އެންގުމުން އިޒްރޭލުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ވައިގެ ދަތުރުފަތުރުގެ ވިޔަފާރިއާ ބެހޭ މައުރަޒު ފެށުމުގެ ކުރިން އިޒްރޭލުގެ އެލްބިޓް ސިސްޓަމްސް، ރަފައެލް، އައިއޭއައި އަދި ޔޫވިޝަންގެ ސްޓޭންޑްތައް ވަނީ ކަޅު ފޮތި ދަމައި ބްލޮކްކޮށްފައެވެ. އަދި ހަތިޔާރު ދައްކާފައި ނުވާ އިޒްރޭލުގެ ކުދި ސްޓޭންޑްތަކާއި އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ ސްޓޭންޑެއް ހުޅުވަން ހުއްދަ ދިނެވެ.

ޕެރިސް ކައިރީގައި އޮންނަ އެއާޕޯޓުގައި ބޭއްވި 55 ވަނަ ޕެރިސް އެއާ ޝޯގައި އިޒްރޭލުގެ ހަތަރު ސްޓޯލެއް އިންތިޒާމްކުރާ ފަރާތްތަކުން ބަންދުކޮށްފައި ވެއެވެ.

އިޒްރޭލުގެ ގިނަ ދުވަސްތަކެއް ވަންދެން އެކުވެރިއެއް ކަމަށްވާ ފްރާންސުން ވަނީ ޣައްޒާގައި ހިންގާ އަމަލުތަކާއި އިޒްރޭލުން ގައުމުން ބޭރުގައި އަސްކަރީ ގޮތުން ހަމަލަތައް ދެމުން ގެންދިއުމާ ގުޅިގެން ނަތަންޔާހޫގެ ސަރުކާރާ މެދު ހަރުކަށި ކޮށް ބައެއް ފަހަރަށް މުއާމަލާތު ކޮށްފައެވެ.

ފްރާންސްގެ ބޮޑުވަޒީރު ފްރާންސުއާ ބައިރޫގެ އޮފީހުން ބުނީ މި މައުރަޒުގެ ކުރިން ހުރިހާ އެގްޒިބިޓަރުންނަށް ވެސް އަންގާފައި ވާނީ ހަމަލާދޭ ހަތިޔާރު ދެއްކުން މައުރަޒުގައި މަނާވާނެ ކަމަށެވެ. އަދި ޕެރިހުގައި ހުންނަ އިޒްރޭލުގެ އެމްބަސީން މިކަމަށް އެއްބަސްވެފައިވާ ކަމަށާއި އެމީހުން މައުރަޒު ހުޅުވިއިރު އެކަމާ ޚިލާފް ވެފައި ވަނީ ކަމަށް ވިދާޅުވިއެވެ. އަދިވެސް މި ޝަރުތަށް ޔަހޫދީ ދައުލަތުގެ ކުންފުނިތަކުން އަމަލުކޮށްފިނަމަ އެ ކުންފުނިތަކުން އަލުން މައުރަޒުގައި ސްޓޯލްތައް ހުޅުވޭނެ ކަމަށް ބުންޏެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބައިރޫ ވިދާޅުވީ ފްރާންސްގެ ޑިޕްލޮމެޓިކް ސްޓޭންޑަށް ބަލާއިރު، އަދި ޚާއްޞަކޮށް ޣައްޒާއާ މެދު ކަން ބޮޑުވުން ފާޅުކޮށްފައިވާއިރު، އިޒްރޭލުން ހަމަލަ ދޭ ހަތިޔަރު ދައްކާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހިއްސާ ކުރައްވާ!