ޓްރަމްޕަށް އަމިއްލައަށް ހަނގުރާމައަށް ނު ވަދެވޭ ގޮތަށް ބިލެއް ހުށަހަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އީރާނާ ދެކޮޅަށް ހަނގުރާމައަށް ދިއުމަށް ހުރަސް އެޅުމަށާއި އަދި ހަނގުރާމައަށް ދިއުމުގެ ކުރިން ފުރަތަމަ ކޮންގްރެސް އިން ހުއްދަ ހޯދަން ޖެހޭ ކަމަށް ބުނެ ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރަކު ބިލެއް ހުށަހަޅައިފި އެވެ.

ވާޖިނިއާގެ ސެނެޓަރު ޓިމް ކޭން އިއްޔެ ބިލު ހުށަހަޅަމުން ބުނެފައި ވަނީ  އިޒްރޭލާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން އިތުރުވުމާ ގުޅިގެން، އެމެރިކާ ވަރަށް އަވަހަށް ނިމުމެއް ނެތް އިތުރު ހަމަނުޖެހުމަކަށް ދަމައިގަނެފާނެ ކަމާ މެދު ކަން ބޮޑުވާ ކަމަށެވެ.

"އެމެރިކާގެ ރައްޔިތުންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް މެދުއިރުމަތީގައި އަބަދާ އަބަދަށް ހަނގުރާމަ ކުރުމަށް ސިފައިން ފޮނުވާކަށް" ސެނެޓަރު ވިދާޅުވިއެވެ.

މި ބިލަކީ، ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު 1973 ވަނަ އަހަރު ފާސްކުރި ފަދަ ބިލެކެވެ. އޭގައި އެމެރިކާ ރައީސަށް އަމިއްލައަށް ނިންމައިގެން ހަނގުރާމައިގައި ބައިވެރި އެއް ނުވެވޭނެއެވެ.

އެމެރިކާގެ ގާނޫނު އަސާސީން ހަނގުރާމަ އިއުލާން ކުރުމުގެ ބާރު ކޮންގްރެސްއަށް ދީފައިވީ ނަމަވެސް އެމެރިކާގެ ރައީސުން ވަނީ ސިފައިންގެ ކޮމާންޑަރ އިން ޗީފްގެ މަގާމު ބޭނުންކޮށްގެން ހަނގުރާމަތަކަށް ވަދެ ހަނގުރާމަތައް ފަށައި ފައެވެ.

އެމެރިކާގެ ދެ ޕާޓީގައި ވެސް ހަނގުރާމައާ ދެކޮޅަށް ވަކާލާތުކުރާ މީހުންގެ ފަރާތުން ޓްރަމްޕަށް ޕްރެޝަރު ކުރިމަތި ވެފައި ވެއެވެ.

ފްރެންޑްސް ކޮމިޓީ އޮން ނޭޝަނަލް ލެޖިސްލޭޝަންގެ މެދުއިރުމަތީގެ ސިޔާސަތުގެ ލެޖިސްލޭޓިވް ޑިރެކްޓަރު ހަސަން އައްތައްޔާބު ވިދާޅުވީ މިއީ އިޒްރޭލުން ބޭނުން ވީމައި ހަނގުރާމައަށް އެމެރިކާ ވެއްދުމަށް އެމެރިކާ ރައްޔިތުން ނޫނެކޭ ބުނާކަން ދެއްކުމަށް ހުށަހެޅި ބިލެއް ކަމަށެވެ.

ހިއްސާ ކުރައްވާ!