އިސްރާއީލަކީ ނިއުކްލިއަރ ބޮން ގެންގުޅޭ ގައުމެކެވެ. ނަމަވެސް އިންޓަރނޭޝަނަލް އެޓޮމިކް އެނެޖީ އެޖެންސީން އެކަން ބަލާކަށް ބޭނުމެއް ނުވެއެވެ. އިޒްރޭލުން އެމެރިކާގެ ޓެކްނޮލޮޖީ ވަގަށް ނަގައިގެން ނިއުކްލިއަރ ބޮންތައް އުފައްދާފައިވާ ކަމަކީ އެންމެން ދަންނަ ހަގީގަތެކެވެ.
އަދި 2023 ވަނަ އަހަރު އިސްރާއީލުގެ ހެރިޓޭޖް މިނިސްޓަރު އަމިޚާއީ އެލިޔާހޫ ވަނީ ހަމާސްއާ އެކު އިސްރާއީލުން ކުރާ ހަނގުރާމައިގައި "ޣައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލެވިދާނެ" ކަމަށް ބުނެ އިންޒާރު ދީފައެވެ. އެކަމާ ގުޅިގެން ދުނިޔެއިން އޭނާގެ ވާހަކަތަކަށް ނުރހުން ފާޅުކުރި އެވެ.
ނަތަންޔާހޫ ވަނީ އެ ވަހަކަތަކަކީ ހަގީގަތާ ދުރު ވާހަކަތަކެއް ކަމަށް ބުނެ ކެބިނެޓުން އިލިޔާހޫ ސަސްޕެންޑް ކޮށްފަ އެވެ. އިސްރާއީލުގެ އިންސާނީ ހައްގުތަކާ ބެހޭ ވަކީލު އާސަން އޮސްޓްރޮވްސްކީ ވަނީ އެލިޔާހޫއަށް ފާޑު ކިޔަމުން އަނގަ މަޑުން ލައިގެން ހުންނަން ޖެހޭ ކަމަށް ބުނެފައެވެ.
އިސްރާއީލުން ނިއުކްލިއާ ބާރުވެރިކަން އޮޅުވާލުމަށް ސިޔާސަތެއް ގެންގުޅޭކަން ވެސް އެންމެން ދަނެއެވެ. އެކަމަކު އެއްވެސް ފަރާތަކުން އިސްރާއީލު ޖަވާބުދާރީ ކުރުވާން ބޭނުމެއް ނުވެއެވެ.
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓުން ލަފާކުރާ ގޮތުގައި އިސްރާއީލުގައި 90 ނިއުކްލިއާ ވޯހެޑް އެބަ އޮތެވެ.
ޔަހޫދީންގެ ސަރުކާރުން އެ ވޯހެޑްތައް ބަހައްޓާފައި ވަނީ ނެގޭވް ސަހަރާގައި ހުންނަ ސިއްރު ޑިމޯނާ ފެސިލިޓީގަ އެވެ. ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ޑިމޯނާގައި ޕްލޫޓޯނިއަމް އުފެއްދުން އިތުރުކުރުމަށް އާ ރިއެކްޓަރެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
އިންޓަރނޭޝަނަލް އެނާޖީ އެޖެންސީގައި ހުންނަވާ ގަތަރުގެ ސަފީރު ވަނީ ނިއުކްލިއަރ ފެތުރުން މަނާ ކުރާ މުއާހަދާއާ ގުޅިގެން އިޒްރޭލުގެ ނިއުކްލިއަރ މަރުކަޒުތައް އިންސްޕެކްޝަން ކުރުމަށް ހުއްދަ ދޭން ގޮވާލާފައެވެ. ނަމަވެސް އެމެރިކާގެ ވާގި ވެރިކަމާއެކު އިޒްރޭލުން ދަނީ އެތަންތާނގެ ސިއްރުކަން ދަމަހައްޓަމުންނެވެ. އަދި އިޒްރޭލުގެ ނިއުކްލިއަރ މަރުކަޒުތަކަށް ވަނުމަށް ހުއްދަ ދޭކަށްވެސް ބޭނުމެއް ނުވެއެވެ.






