އީރާނަށް އެެމރިކާއިން ދިން އުދުވާނީ ހަމަލައަށްފަހު ބިރު ގަނެއްޖެއެވެ. އެމެރިކާއިން ދަނީ އެތެރޭގައި ޒަޔަނިސްޓުންނާ ދެކޮޅުވެރި ބަޔަކު ހަމަލައެއް ދީފާނެތީ ފާރަވެރިވަމުންނެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އާއި އެފްބީއައި އަދި އެހެނިހެން ފެޑެރަލް، ސްޓޭޓް އަދި ލޯކަލް އެޖެންސީތަކުން ދަނީ އެތެރޭން ހަމަލައެއް އައިސްފާނެތޯ ބަލަމުންނެވެ.
ހޯމް ލޭންޑްގެ ސެކްރެޓަރީ ކްރިސްޓީ ނޯއެމް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެމެރިކާ ހިމާޔަތް ކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރާނަން ކަމަށެވެ.
ނިއުޔޯކް ސިޓީ އާއި ވޮޝިންޓަން ޑީސީގެ ފުލުހުންގެ ޑިޕާޓްމަންޓްތަކުން ބުނީ އެމީހުން ސަރުކާރުގެ އިދާރާތަކާ އެކު ޖާސޫސީ މައުލޫމާތު ހިއްސާ ކުރަމުންދާ ކަމަށާއި ޔަހޫދީންގެ ދީނީ މަރުކަޒުތަކާއި މުއައްސަސާތަކުގެ ވަށައިގެން ފޯރި މަރަމުންދާ ކަމަށެވެ.
ވޮޝިންޓަން ޕޮލިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ނުރައްކަލެއް އޮތް ކަމަށް އެނގިފައި ނުވި ނަމަވެސް "ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ ރައްޔިތުންނާއި ވިޔަފާރިތަކާއި ޒިޔާރަތްކުރާ މީހުން ރައްކާތެރި ކުރުމަށް" މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވައިޓް ހައުސް، ޕެންޓަގަން އަދި އިސްރާއީލުގެ އެމްބަސީ އާއި އެހެންވެސް އެމެރިކާގެ މުހިންމު ބައެއް ސަރަހައްދުތަކުގެ ވަށައިގެން ސަލާމަތީ ކަންކަން ވަނީ އިތުރުވެފަ އެވެ.






