ޗައިނާ، ޕާކިސްތާން އަދި ބަންގްލަދޭޝް ބައިވެރިވާ ބައްދަލު ވުމެއް މިދިޔަ މަސް ނިމެން އުޅެނިކޮށް، ޗައިނާގެ ކުންމިންގްގައި ބޭއްވި އެވެ. ތިން ގައުމުގެ މަސްއޫލުވެރިންގެ ބައްދަލުވުމުގައި ދެކުނު އޭޝިއާގައި އިންޑިއާ ދެކޅު އިއްތިޙާދެއް އުފެދިދާނެތީ ނުތަނަވަސްކަން ފާޅުކޮށްފައި ވެއެވެ.
ބަންގްލަދޭޝްގެ ފޮރިން އެފެއާޒް އެޑްވައިޒަރު ބައިވެރިވެ ވަޑައިގަތް މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ވިޔަފާރިއާއި އިންވެސްޓްމަންޓާއި ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕެކް) ބަންގްލަދޭޝްއަށް ފުޅާކުރުމާ ބެހޭ ގޮތުންނެވެ.
މި ބައްދަލުވުމަކީ އޭޕްރީލް 2025 ގައި ޕާކިސްތާނުން ޑާކާއަށް ޒިޔާރަތް ކުރި ވަފުދާއި މުޙައްމަދު ޔޫނުސް މާރޗް މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން އިންޑިއާގެ އިރުއުތުރުގައި ޗައިނާގެ ނުފޫޒު އިތުރު ކުރުމަށް ބަނގްލަދޭޝްއިން އެހީތެރި ވުމުގެ އިޝާރާތެއް ކަމަށް ނިއުދިއްލީން ދެކެއެވެ.
އިގްތިސާދީ މާހިރު ސަލީމް ރައިހާންފަދަ ސިޔާސީ މުހައްލިލުން ވަނީ މިފަދަ ނާރެސްތާކުގައި ބަނގްލަދޭޝް ބައިވެރިވުމުން ބަންގްލަދޭޝްގައި ޑިމޮކްރެސީ ބޮލާލައި ޖެހުމަށް ޑރ. ޔޫނުސްއަށް ހިތްވަރެއް ލިބިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ޑރ. ޔޫނުސް ވެރިކަމުގައި ހުންނެވީ އިންތިޚާބަކާ ނުލައެވެ.
ޕާކިސްތާނަކީ، 1971 ވަނަ އަހަރު ހިނގި ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވރިވާ ކަމަށް ބަނގްލަދޭޝްއިން ތުހުމަތު ކޮށްފައިވާ ފަރާތެކެވެ. ބަނގްލަދޭޝްއާ އަވަށްޓެރި އިންޑިއާގެ ބިރަކީ ޗައިނާ އިސްވެ އޮންނަ ބްލޮކެއްގެ ސަބަބުން އިންޑިއާގެ އިރު އުތުރުގެ ސަރަހައްދުގެ ސަލާމަތާއި އިސްތިގްލާލަށް އަސަރު ކޮށްފާނެތީއެވެ. ހާއްސަކޮށް ސިލިގުރީ ކޯރިޑޯ ކައިރީގައި އިންޑިއާގެ ސަރަހައްދީ އެއްބައިވަންތަކަމަށް ނުރައްކަލެއް ކުރިމަތި ވުމަކީ އިންޑިއާއިން ހައްސާސްވާ ކަމެކެވެ.
މި ބައްދަލުވުމާ ބެހޭ ގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ތައުޙީދު ހުސައިން ވިދާޅުވީ އެއީ ސިޔާސީ ބައްދަލުވުމެއް ނޫން ކަމަށެވެ.
މި މަޝްވަރާތަކުގައި ޗައިނާގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ފޮރިން މިނިސްޓަރުގެ ނާއިބު ސަން ވައިޑޮންގް އާއި ޕާކިސްތާނުގެ އިމްރާން އަހުމަދު ސިއްދީގީ އާއި ބަންގްލަދޭޝްގެ ރޫހުލް އާލަމް ސިއްދީގު އެވެ.




