ރާއްޖޭގެ ކަނދުފަތީގެ ވިއުގައިގައި 102 ކަނދުފަތި: އިތުރު 29 ކަނދުފަތި އެޅުމަށް ނިންމައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މިވަގުތު ރާއްޖޭގެ ކަނދުފަތީގެ ވިއުގައިގައި ޖުމްލަ 102 ކަނދުފަތި ހުއްޓެވެ. މީގެ ތެރޭގައި ހިމެނެނީ 65 ދޮށީގެ ކަނދުފައްޗާއި 37 ވަދު ކަނދުފައްޗެވެ. އަދި މިހާތަނަށް ވަދު ކަނދުފަތި އެޅުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރެއިން 38 ކަނދުފަތި އެޅުމަށް ވަނީ ނިންމާފައެވެ.

މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކަނދުފަތި އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިގޮތުން ރާއްޖޭގައި މިހާރު އަޅާފައިވަނީ ދެ ބާވަތެއްގެ ކަނދުފައްޗެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް އަމާޒުކޮށްފައިވާ ދޮށީގެ ކަނދުފައްޗާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.

މިހާތަނަށް އިތުރު 9 ވަދު ކަނދުފަތި ވަނީ އަޅައި ނިމިފައެވެ. އެންމެ ފަހުން އަޅާފައިވާ ވަދު ކަނދުފައްޗަކީ މ. ދިއްތުނޑީގެ އިރުދެކުނުން 7 މޭލު ދުރުގައި އަޅާފައިވާ ކަނދުފައްޗެވެ. އަދި މި ސަރުކާރުން މިހާތަނަށް އަލަށް 22 ކަނދުފަތި ވަނީ އަޅާފައެވެ.

މީގެއިތުރުން، ސަރުކާރުން ދަނީ ރާއްޖޭގެ 2 ސަރަހައްދެއްގައި ކަނދުފަތި ސެންޓަރު އެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވަމުންނެވެ. މިގޮތުން ށ. ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް މިއަންނަ ޑިސެންބަރު މަހުގެ ކުރިން ފެށޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!