ޕާކިސްތާންގައި އިއްޔެ އެތައް ބަޔަކު ހައްޔަރުކޮށް ގާނޫނު ހަދާ މަޖިލީހުގެ އެތައް މެމްބަރެއްގެ ގޮނޑި ގެއްލުވާލާފައިވާއރު އިމްރާން ޚާންގެ ސަޕޯޓަކުން ދަނީ އޭނާ މިނިވަން ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޕާކިސްތާނަކީ އިޖުތިމާއީ އަދި ސިޔާސީ ގޮތުން ބައިބައިވެފައިވާ ޤައުމެކެވެ. އެކަމުގެ ސަބަބުން ދޮގު މަޢުލޫމާތު އިތުރުވެ، އެކި ފަރާތްތަކުގެ މެދުގައި އޮންނަ އިތުބާރު ގެއްލި، ބައިބައިވުން އިތުރުވަމުންދެއެވެ.
މިކަމުގެ ސަބަބުން ހަޤީޤަތް އޮޅުވާލެވި، ހަރުކަށި ސިޔާސީ ފިކުރު ފެތުރުމަށް މަގުފަހިވެއެވެ. ޑީޕްފޭކްސް ފަދަ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ދޮގު އޯޑިއޯ އަދި ވީޑިއޯތަކުގެ ސަބަބުން ޑިޖިޓަލް ދުނިޔެ ނުރައްކާތެރި ހާލަތެއް ކުރިމަތި ވަމުން ދެއެވެ.
ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގެ މީހުންނާއި އެކި ދީންތަކުގެ މީހުން އަދި އެކި ސިޔާސީ ފިކުރުގެ މީހުންނަކީ މީޑިއާގެ ނުފޫޒުން އަސަރުކުރާ ބައެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ނޭދެވޭ އަނިޔާވެރި ހާދިސާތަކެއް ހިނގާފައިވެއެވެ.
މީގެ ތެރޭގައި މަޝާލް ޚާންގެ މަރާއި، ޖުނައިދު ހަފީޒް ޖަލަށްލުމާއި، ރަޝީދު ރެހްމާން އަދި ގަވަރުނަރު ސަލްމާން ތަސީރު މަރާލުން ހިމެނެއެވެ. އަދި ސްރީލަންކާގެ މެނޭޖަރު ޕްރިޔަންތާ ދިޔާވަދާނާގޭ ހުކުރު ދުވަހެއްގައި މަރާލެވުނީ މިފަދަ ދޮގު ތުހުމަތުތަކެއްގެ ސަބަބުންނެވެ.
2024 ގެ އިންތިޚާބުގައި އިމްރާން ޚާންގެ ޕީޓީއައި ޕާޓީން އޭއައި ބޭނުންކޮށްގެން އޭނާއަށް ނިސްބަތް ކޮށް ޖަލުން ފޮނުވާ މެސެޖުތައް ކަމަށް ބުނެ ވާހަކަތައް އުފެއްދިއެވެ. އަދި ޑީޕްފޭކް ވީޑިއޯތަކުން ޕީޓީއައި ލީޑަރުން އިންތިޚާބުން ތަނާޒުލުވާ މަންޒަރު ދައްކައި، ވޯޓުލާ މީހުން އޮޅުވާލިއެވެ.
ސިޔާސީ ޕާޓީތަކުން އޭއައި އިން އުފެއްދި ނިއުސް އެންކަރުން ބޭނުންކޮށް، ހަޤީޤީ ނޫސްވެރިކަމާއި ޕްރޮޕެގެންޑާގެ ތަފާތު ނޭނގޭ ހިސާބަށް ކަންކަން ދިޔައެވެ. ޕާކިސްތާނުގެ މީޑިއާ ގެ އިތުބާރު މިފަދަ ކަންކަމާ ހެދި ގެއްލުމުގެ ސަބަބުން މި މައްސަލަ އިތުރަށް ބޮޑުވެއެވެ.
5 މިލިއަނަށްވުރެ ގިނަ ސޯޝަލް މީޑިއާ ބޭނުންކުރާ މީހުން ތިބިއިރު، ގިނަ މީހުން ބަލަނީ އެމީހުންގެ ވިސްނުމާ ދިމާވާ މަޢުލޫމާތު ހޯދުމަށެވެ. އަދި ޑީޕްފޭކް ބޭނުންކޮށް، އެތައް ސަތޭކަ ވީޑިއޯއާއި އޯޑިއޯ ކްލިޕް އުފައްދައި، ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރުމަކީ މި އޮއިވަރުގެ ބައެކެވެ.


