ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިތުރު ބޭސްފިހާރައެއް ހުޅުވައިފިއެވެ. މި ބޭސްފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯއިން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށް ދިނުމެވެ. މި ބޭސްފިހާރައަކީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް 2024ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހާމަކުރެއްވި ގޮތަށް، ކުރިން އެސްޓީއޯ ސްމާޓް ސްޓޯރ ހިންގަމުން އައި ތަނުގައި ޤާއިމްކޮށްފައިވާ ފާމަސީއެކެވެ.
އެސްޓީއޯއިން ހާމަކުރެއްވި ގޮތުގައި، މި ބޭސްފިހާރައިން ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒަރ ފަދަ ތަކެތި ލިބެން ހުންނާނެއެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ޚިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ޚިދުމަތްވެސް ލިބެން ހުންނާނެއެވެ.
"އެސްޓީއޯ ފާމަސީ ސެންޓްރަލް" ގެ ނަމުގައި ހުޅުވާފައިވާ މި ބޭސްފިހާރަ ހުންނަނީ ހުވަނދުމާ ހިނގުމުގައި، ހުޅުމާލެ ހޮސްޕިޓަލް ކައިރީގައެވެ. މި ބޭސްފިހާރަ ހުޅުވުމާއެކު، މިހާރު އެސްޓީއޯއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދެ ބޭސްފިހާރައެއް ހިންގަމުންދެއެވެ. އޭގެ ތެރެއިން އަނެއް ބޭސްފިހާރަ ހުންނަނީވެސް ހުޅުމާލެ ހޮސްޕިޓަލް ސަރަހައްދުގައެވެ.
މި ބޭސްފިހާރަ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދަމު 12:00 އާ ހަމައަށެވެ. އެސްޓީއޯއިން ފާހަގަކުރެއްވި ގޮތުގައި، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.






