ޕާކިސްތާނުގެ ސައުތު ވަޒިރިސްތާނުގެ ވަނާ ސަރަހައްދުގެ ރުސްތަމް ބަޒާރުގައި މިއަދު ދިން ބޮން ގޮއްވުމުގެ ހަމަލާއެއްގައި ދެ މީހަކު މަރުވެ، ފުލުހުންނާއި އާންމު ރައްޔިތުންގެ 20 މީހުން ޒަޚަމްވެއްޖެއެވެ.
ވަނާ ބަޒާރުގެ ޝަކާއީ ސްޓޭންޑް ކައިރީގައި ދުއްވަމުން ދިޔަ ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށް ރިމޯޓް ކޮންޓްރޯލުން ބޮމެއް ގޮއްވާލުމުން މުޅި ހިސާބަށް އޭގެ އަސަރު ކުރިއެވެ. މި ހަމަލާގައި މަރުވީ ދެ ފިރިހެނުންނެވެ.
މި ހާދިސާއާ ގުޅިގެން ޒަޚަމްވި މީހުން ވަނާ ޑިސްޓްރިކްޓްގެ މައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެ ހޮސްޕިޓަލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެވުނެވެ. ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދު ބަންދުކޮށް، ހަމަލާ ދިން ފަރާތްތައް ހޯދުމަށް ސަރޗް އޮޕަރޭޝަނެއް ފަށާފައެވެ.
މި ހަމަލާއަކީ ތަހުރީކޭ ތާލިބާނޭ ޕާކިސްތާން (ޓީޓީޕީ) އިން 2022 ވަނަ އަހަރު ސަރުކާރާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު، ޚައިބަރު ޕަޚްތުންޚްވާ (ކޭޕީ) އަދި ބަލޫޗިސްތާން ސަރަހައްދުގައި ދެމުންދާ ހަމަލަތަކުން ބައެކެވެ. ޕާކިސްތާން އިންސްޓިޓިއުޓް ފޮރ ކޮންފްލިކްޓް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ޕީއައިސީއެސްއެސް) ގެ ރިޕޯޓެއްގައި ބުނާ ގޮތުން ޖުލައި މަހު ގައުމުގެ އެކި ހިސާބުގައި ހިނގި 82 ޓެރަރިސްޓް ހަމަލާގެ ތެރެއިން 53 ހަމަލާ ހިނގާފައިވަނީ ކައިބަރު ޕަޚުތޫންޚުވާ ސަރަހައްދުގައެވެ.
މި ހަމަލާގެ ކުރީ ދުވަހު އަޕަރ ސައުތު ވަޒިރިސްތާންގެ ޑެޕިއުޓީ ކޮމިޝަނަރު އަސްމަތުﷲ ވަޒީރުގެ އުޅަނދަކަށް ހަމަލާއެއް ދީފައިވެއެވެ. އަދި ކަރަކް އަދި ޕެޝަވާރުގައި ހިނގި ހަމަލާތަކުގައި ހަތަރު ސެކިއުރިޓީ މުވައްޒަފުންނާއި ފުލުހެއްގެ އިތުރުން އިތުރު ދެ މީހަކު މަރުވެފައިވެއެވެ.



