މައުލުމާތުގެ ރަސްމަގުގައި ދޭ ހަމަލަތަކަށް ފާރަވެރިވާ އެންމެ އިސް ކުންފުންޏެއް ކަމަށްވާ ކަސްޕަރސްކީން ވަނީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި އެންމެ ނުރައްކާތެރި ސައިބާ ހަމަލާތައް ދެމުންދާ ގްރޫޕް ކަމަށްވާ "ސައިޑްވައިންޑަރ" އިން މިހާރު ރާއްޖެއަށާއި ސްރީލަންކާއަށް އަމާޒުކޮށްފައިވާ ކަމަށް ހާމަކޮށްފައެވެ.
މެދުނުކެނޑި މައުލުމާތުގެ ރަސްމަގުގައި ހަމަލަތައް ދިނުމަށް މަސައްކަތްކުރާ އެޑްވާންސްޑް ޕަރސިސްޓެންޓް ތްރެޓް (އޭޕީޓީ) ގްރޫޕުން އަމާޒުކުރަނީ މައިގަނޑު ގޮތެއްގައި އިންޑިއާ ކަނޑިގެ އައްސޭރިއަށް އޮންނަ ގައުމުތަކުގެ ސަރުކާރުގެ މުއައްސަސާތަކާއި، ސިފައިންގެ އަދި ޑިޕްލޮމެޓިކް ދާއިރާތަކަށެވެ. އަދި އެމީހުންގެ ހަމަލަތައް ޚާއްޞަކޮށް ކަނޑުގެ ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާއަށް އަމާޒު ކުރާ ކަމަށް ކަސްޕާސްކީން ބުނެއެވެ. އަދި ފަހަކަށް އައިސް ދެކުނު އޭޝިއާގެ ނިއުކްލިއަރ ހަކަތައިގެ މަރުކަޒުތަކާއި ހަކަތައިގެ ވަސީލަތްތަކަށްވެސް މިމީހުން އަމާޒުކުރަމުންދާކަން ފާހަގަކުރެވެއެވެ.
މި ގްރޫޕުން ބޭނުންކުރާ މައިގަނޑު އުކުޅަކީ ރަސްމީ މުއާމަލާތްތަކެއްގެ ގޮތުގައި ދައްކުވައިގެން މީހުން ލައްވައި ކްލިކް ކުރުވުމަށް އީމެއިލްތައް ފޮނުވުމެވެ. މި އީމެއިލްތަކުގެ ސަބަބުން މަލްވެއަރ ޗެއިންތައް ޓްރިގަރވެ، އޮޕަރޭޝަނަލް އަދި މުވައްޒަފުންގެ މުހިންމު މަޢުލޫމާތުތަކަށް ވަދެވޭ ގޮތް ވެގެން ދެއެވެ.
ސައިޑްވައިންޑަރ ގެ ހަމަލަތައް އާމުކޮށް އަމާޒު ކުރަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާއި ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، މިޔަންމާ، އިންޑޮނޭޝިއާ ކެމްބޯޑިއާ، ވިއެޓްނާމް، އަދި ފިލިޕީންސް ފަދަ ގައުމުތަކަށެވެ.
ކަސްޕަރސްކީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު އެކަނި ވެސް 8 މިލިއަން ރެންސަމްވެއަރ ހަމަލާ ހުއްޓުވައި، 200،000 އަށްވުރެ ގިނަ ބޭންކިންގ މަލްވެއަރ ސާމްޕަލް ދެނެގަނެ، އަދި އޭޝިއާ ޕެސިފިކް ސަރަޙައްދުގައި 62 މިލިއަން އޮންލައިން ހަމަލާ ހުއްޓުވާފައިވެއެވެ. މި ކުންފުނިން ދުނިޔޭގެ 900 އަށްވުރެ ގިނަ މިފަދަ ގްރޫޕްތައް މޮނިޓަރ ކުރަމުންދެއެވެ. ކަސްޕާސްކީން މިމައުލޫމާތު ހާމަކޮށްފައި ވަނީ ވިއެޓްނާމްގައި އޮތް ފޯރަމެއްގައެވެ.