ޕާކިސްތާނުގެ އިގްތިސާދީ ހާލަތު ދަށަށް ދިއުމާއި ގުޅިގެން، އެގައުމުގެ ފަގީރުކަމުގެ ނިސްބަތް 44 އިންސައްތައަށް އަރައިފިއެވެ. މިއީ ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، އާމްދަނީ ދަށްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ނިކަމެތި ހާލަތެކެވެ.
2022 އިން 2025 އަށް ބަލާއިރު، ޕާކިސްތާނުގެ ޖީޑީޕީ ކުރިއަރާފައިވަނީ އެވްރެޖްކޮށް އަހަރަކު 1.7 އިންސައްތައިގެ މިންވަރެއްގައެވެ. ޚާއްސަކޮށް 2022-23 ގައި ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން އިގްތިސާދު ވަނީ އިތުރަށް ދަށަށް ގޮސްފައެވެ. މި މުއްދަތުގައި އެގައުމުގެ އިންފްލޭޝަން ރޭޓް ވަނީ 19 އިންސައްތައިގައި ހިފެހެއްޓިފައެވެ. އަދި 2022-23 ގައި މިއަދަދު 29.2 އިންސައްތައަށް އަރާފައިވެއެވެ.
ވަޒީފާގެ ދާއިރާއަށް ބަލާއިރު، 2017 ގައި 9.4 އިންސައްތައިގައި ހުރި ވަޒީފާ ނެތް މީހުންގެ ނިސްބަތް، 2023 ގައި ވަނީ 22.1 އިންސައްތައަށް މަތިވެގެން ގޮސްފައެވެ. މަސައްކަތްތެރިންގެ އުޖޫރައަށް ބަލާއިރު، ޢިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތެރިންގެ އުޖޫރަ ވަނީ 20.2 އިންސައްތައަށް ދަށްވެފައެވެ. ގޭގައި ގެންގުޅޭ ޚާދިމުންނާއި މަސައްކަތު މީހުންގެ އުޖޫރަ 19.4 އިންސައްތަ ދަށްވެފައި ވެއެވެ. އަދި ކުނިކަހާ މީހުންގެ އުޖޫރަ 18.2 އިންސައްތަ ދަށްވެފައިވެއެވެ.
އެހެންނަމަވެސް، މަތީ ފަންތީގެ ޚިދުމަތްތަކަށް ބަލާއިރު، ޑޮކްޓަރުންނާއި ދަތުގެ ޑޮކްޓަރުންގެ އުޖޫރަ ވަނީ 12 އިން 15 އިންސައްތައަށް އިތުރުވެގެން ގޮސްފައެވެ. 2025-26 ވަނަ އަހަރަށް ޕާކިސްތާނުން ލަފާކުރާ އިގްތިސާދީ ކުރިއެރުމަކީ 4.2 އިންސައްތައެވެ. ނަމަވެސް ފަގީރުކަން މަދުކުރުމަށް މަދުވެގެން 5 އިންސައްތައިގެ ކުރިއެރުމެއް ބޭނުންވާނެކަމަށް ޕާކިސްތާންގެ އިގްތިސާދީ މާހިރުން ވަނީ ފާހަގަކޮށްފައެވެ.
އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، 4.2 އިންސައްތައިގެ ކުރިއެރުމެއް ޕާކިސްތާންގެ އިގްތިސާދަށް ލިބުނު ކަމުގައިވިޔަސް، މަސައްކަތުގެ ބާޒާރަށް ނުކުންނަ މީހުންގެ އަދަދު އިތުރުވުމާއެކު، ވަޒީފާ ނެތް މީހުންގެ ނިސްބަތް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.


