ޕާކިސްތާނުގެ ޗާރްސައްދާ ސަރަހައްދުން އިންސާނީ ވަގުފާރީގެ ޖަރީމާގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރެވުނު މީހާއަކީ ޝޭރް ޚާން ގެ ނަމުންވެސް މަޝްހޫރު އާދިލް އެވެ. އޭނާއަކީ ބޭރަށް މީހުން ފޮނުވުމާއި ސަރަހައްދު ހުރަސްކޮށް ގަވާއިދާ ޚިލާފަށ ްގައުމުން ބޭރުވާން ބޭނުންވާ މީހުންނަށް ފުރުސަތު ހޯދައިދޭ މީހެކެވެ.
އެފްއައިއޭ އިން ބުނާ ގޮތުގައި އާދިލްއަކީ ދަތުރުފަތުރުގެ ވަގު ލިޔެކިޔުންތައް ބޭނުންކޮށްގެން އިންސާނީ ވަގުފާރި ހިންގާ ގޭންގެއްގެ އިސް މީހެކެވެ. މި މައްސަލައާ ގުޅިގެން އޭނާގެ އެކުވެރިން ކަމަށްވާ ދަރްވޭޝް ޚާން، އިލްޔާސް ޚާން އަދި ސައްދާމް ވަނީ މީގެ ކުރިން ހައްޔަރުކޮށް ތަހުގީގު ކުރެވިފައެވެ.
ތަހުގީގުން ހާމަވި ގޮތުގައި މި ގޭންގުން ވަނީ ވަޓްސްއެޕް މެދުވެރިކޮށް އެމީހުންގެ ޝިކާރައަކަށްވާ މީހުންނާ ގުޅުން ބަދަހިކޮށް، ލީބިޔާއަށް މަސައްކަތު ފޮނުވައި ދޭނެ ކަމަށް ބުނެ ވަގު ވިސާ ހަދައިދީ، ލީބިޔާ މެދުވެރިކޮށް ޔޫރަޕްގެ އެކި ގައުމުތަކަށް ގަވާއިދާ ޚިލާފަށް މީހުން ގެންދިއުމުގެ މަސައްކަތް ކޮށްފައެވެ.
އިންސާނީ ވަގުފާރީގެ މައްސަލަތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުންދާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިފަދަ ޖަރީމާތަކުގައި ބައިވެރިވާ ފަރާތްތަކުން ގިނަ ފަހަރު އާންމު ރައްޔިތުންގެ ނިކަމެތިކަމާއި މާޔޫސްކަން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވެއެވެ. މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްދާއިރު، އިތުރު ހެކި ހޯދުމަށް އެފްއައިއޭ އިން މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.



