މުލްތާންގައި ބައްޕަ އަމިއްލަ ދަރިފުޅާއި، އޭނާގެ 3 ކުދިން މަރާލައިފި

ޕާކިސްތާނުގެ މުލްތާން ސިޓީގެ ބަސްތީ މަލޫކް ސަރަހައްދުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި މީހަކު އޭނާގެ އަމިއްލަ ދަރިފުޅާއި އެއަންހެން މީހާގެ ތިން ކުދިން ކަރުބުރިކޮށް މަރާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުއެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުން، 36 އަހަރުގެ އިރްޝާދު ބީބީ އާއި އޭނާގެ ދެ އަހަރުގެ ކިޔަވަންދާ ދެކުރިން ކަމުގައިވާ އަހުމަދު އަލީ އާއި މުހައްމަދު އަލީ އަދި 6 މަސް ދުވަހުގެ މެހްނާޒްގެ ކަރުބުރިކޮށްލައި މަރާލީ އިރްޝާދު ބީބީގެ ބައްޕަ ވާރިސް ކޮއްކާރު އެވެ. މި ހާދިސާ ހިނގާފައިވަނީ އިރްޝާދު ބީބީއާއި އޭނާގެ ފިރިމީހާއާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ބައްޕަގެ ގޭގައި ދިރިއުޅެމުން ދަނިކޮށެވެ.

ފުލުހުން ހާމަކުރި ގޮތުގައި، އިރްޝާދު ބީބީ ވަނީ އޭނާގެ ފިރިމީހާއާ ވަކިވާން ބޭނުން ވެފައެވެ. އަދި އެކަމާ ގުޅޭ ގޮތުން އުފެދުނު ޚިލާފަކާ ގުޅިގެން، ވާރިސް ކޮއްކާރު އޭނާގެ ދަރިފުޅާއި ކުދިން ކޮޓަރިއެއްގައި ބަންދުކުރުމަށްފަހު، ވަޅި ހިފައިގެން ކޮޓަރިއަށް ވަދެ އެންމެންގެ ކަރު އަޅާލީއެވެ. މި ހާދިސާގައި ހަތަރު މީހުންވެސް ވަނީ ހަމަ އެތަނުގައި މަރުވެފައެވެ.

އެހިސާބުގެ މީހުން ފުލުހުންނަށް މައުލޫމާތު ދިނުމުން، ފުލުހުން އެތަނަށް ގޮސް ބެލިއިރު، ވާރިސް ކޮއްކާރު ހުރީ މަރުވެފައިވާ ހަތަރު މީހުންނާއެކު ކޮޓަރީގައި ތަޅުލެވިގެންނެވެ. ފުލުހުން ކޮޓަރި ހުޅުވައި، ވާރިސް ކޮއްކާރު ހައްޔަރުކޮށް، މަރަން ބޭނުންކުރި ހަތިޔާރު ހޯދާފައިވެއެވެ. މަރުވެފައިވާ މީހުންގެ ހަށިތައް ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައެވެ.

ހިއްސާ ކުރައްވާ!