ގާޒީ ދެމަފިރިން ވަރިކޮށްދިނީ ކުކުޅު ކާންދީފަ

ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ކޯޓެއްގައި ހިނގި މަޖާ ހާދިސާއެއްގައި، ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި 29 ކުކުޅު ބަހާލާނެ ގޮތާމެދު ޚިޔާލު ތަފާތުވުން އުފެދުނެވެ. އަދި ދެމަފިރިންނާ ވާހަކަ ދެއްކުމަށްފަހު ގާޒީ ނިންމީ ހައްލަކީ، މި ދެމީހުންނަށް ކުކުޅު ކާންދީފަ ވަރިކޮށް ދިނުން ކަމަށެވެ.

ޗައިޏާ މީޑިއާ ރިޕޯޓުކުރި ގޮތުގައި، ޓޫ އަދި ޔާންގް ކިޔާ މި ދެމަފިރިންގެ މައިގަނޑު އާމްދަނީ އަކީ ދޫނި ގެންގުޅެ ވިއްކައިގެން ލިބޭ އާމްދަނީ އެކެވެ. އެ ދެމީހުން ޖުމްލަ 53 ދޫނި ގެންގުޅެއެވެ. އޭގެ ތެރޭގައި ހިމެނެނީ 29 ކުކުޅާއި، 22 އަސްދޫންޏާއި އަދި 2 މާދޫންޏެވެ. ޖޯޑު ހަމަވާ ދޫނިތައް ބަހާލުމުގައި މައްސަލައެއް ނެތްނަމަވެސް، ކުކުޅުތައް ބަހާލުމުގައި ދެމަފިރިން ދެބަސްވިއެވެ. އަނބިމީހާ ބުނީ އިތުރު އެއް ކުކުޅު އޭނާއަށް ލިބެންވާނެ ކަމަށެވެ. އެއީ އޭނާ އަމިއްލައަށް ބޮޑުކުރި ކުކުޅެއް ކަމަށް ބުންޏެވެ. ނަމަވެސް ފިރިމީހާ ބުނީ އެ ކުކުޅު ބެލެހެއްޓުމުގައި އޭނާވެސް ބައިވެރިވެފައިވާ ކަމަށެވެ.

ގާޒީ ޗެން ޗިއާން އެ ދެމީހުންނަށް ދިން ދެ އިޚުތިޔާރަކީ، އިތުރުވާ ކުކުޅު އެކުގައި ތިބެގެން ކެއުން ނުވަތަ އެކަކު އަނެކަކަށް ފައިސާ ދީގެން އެ ކުކުޅު ގަނެލުމެވެ.

ފަހުން އެ ދެމަފިރިން އެއްބަސްވީ އެއްކޮށް ތިބެ ގާޒީއާއެކު ކުކުޅު ކައިގެން ކުކުޅު މައްސަލަ ނިންމާލާށެވެ.

ކުކުޅު ކެއުމަށްފަހު، ފިރިމީހާ އޭނާގެ ކުރީގެ އަނބިމީހާ އޭނާގެ ސްކޫޓަރުގައި ގެއަށް ގެންގޮސްދިނެވެ. އަދި ދެމީހުން އެއްބަސްވީ މާލީގޮތުން ވަކިވިޔަސް، އެކުވެރިކަމުގެ ގުޅުން ދަމަހައްޓައި، އެކަކު އަނެކަކަށް އެހީތެރިވަމުން ގެންދިއުމަށެވެ.

މި ހާދިސާއާ ގުޅިގެން ޗައިނާގެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ގާޒީގެ ތޫނުފިލިކަމަށް ތައުރީފުކޮށްފައެވެ. އެކަކު ބުނެފައިވަނީ "ގާޒީ ދިން ހައްލު ރަނގަޅު! އެކަމަކު އަސްލު ޝިކާރައަކަށްވީ ކުކުޅު" ކަމަށެވެ.

މި ހާދިސާ ހިނގީ ޗައިނާގައި ވަރީގެ މައްސަލަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. 2023 ވަނަ އަހަރު އެކަނި 3.6 މިލިއަނަށްވުރެ ގިނަ ވަރީގެ މައްސަލަ ރިޕޯޓުކުރެވުނެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ އިތުރު އަދަދެކެވެ. (މަބު ފޮޓޯއެއް)

ހިއްސާ ކުރައްވާ!