އިއްޔެ ކަރަންޓު ކެނޑުނީ 3 ގަޑިއިރަށް، ކުރީ ފަހަރު 6ގަޑި އިރަށް، ކުރީގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށް

މާލެ އާއި ހުޅުމާލެއިން އިއްޔެ ހެނދުނު 9:30 ހާއިރު ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް، އެ ސަރަހައްދުތަކަށް އަލުން ކަރަންޓުގެ ޚިދުމަތް ދޭން ފެށީ މެންދުރުން އަނބުރާ 12.30 ގެ ފަހުންނެވެ.  ސްޓެލްކޯއިން ބުނީ މިފަހަރު ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

1 ޖޫންގައި 6 ގަޑިއިރަށް ކަރަްނޓު ކެނޑުނު އިރު ކަރަންޓު ކެނޑުނީ މެންދުރު ގަޑީގައެވެ. އެއިރު، އެމްޑީ ހުސައިން ފަހުމީ، އެކްސްގައި ވިދާޅުވީ، "މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ކަމަށެވެ.

އޭގެ ފަހުން އަނެއްކާ އިއްޔެވެސް ކަރަންޓު ކެނޑުނީއެވެ. ޖޫން1 ގެ ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ރައިސުލްޖުމްހޫރިއްޔާ ވަނީ އެ މައްސަލަތަ ތަހުގީގަށް ހުށަހަޅުއްވާފައެވެ. ފުލުހުން ވަނީ އެ މައްސަލާގެ އިބްތިދާއީ ހޯދުންތައް އެއްކޮށް، މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ހާމަކޮށްފި އެވެ. އެ މައްސަލައިގައި ފާހަގަކުރެވުނު ކަންކަން ތަޙުޤީޤު ނިމުމުން ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް، މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައި އެވެ.

ހިއްސާ ކުރައްވާ!