ގިލްގިޓް ބޯލްޓިސްތާނުގެ ޝިޝްޕަރ ގްލެސިއަ އިން ކުއްލިއަކަށް ގިނަ އަދަދެއްގެ ފެން ބޭރުވެ، ހަސަންއާބާދު ނައްލާ ސަރަހައްދުގައި ބޮޑު ފެންބޮޑު ވެއްޖެއެވެ. މި ފެން ބޮޑުވުމުގެ އަސަރު ކަރަކުރަމް ހައިވޭގެ ބައެއް ހިސާބުތަކާއި، ގޭގެއަށާއި ދަނޑުބިންތަކަށް ކޮށް ބޮޑެތި ގެއްލުންތަކެއް ދިމާވެފައި ވެއެވެ.
އޮފިޝަލުން ބުނާ ގޮތުގައި މިއީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިމާވި އެންމެ ކާރިސާ ބޮޑު ފެންބޮޑުވުމެވެ. މި ހާދިސާގައި 50 އަށްވުރެ ގިނަ ގެއަށް ނުރައްކާވި އެވެ. އަދި 10 ގެ ވަނީ ވެއްޓިދާނެ ކަމުގެ ބިރަށް ރޫޅާލަން ޖެހިފައެވެ. މި ފެންބޮޑުވުން ދިމާވީ ގަނޑުފެން ކަނޑައިގެްނ ގޮސް ފެން ހިފެހެއްޓިފައި އެއް ގަޑިއިރު ވަންދެން ބްލޮކްވެފައި ހުރުމަށްފަހު، ކުއްލިއަކަށް ފެން ބޭރުވެގެންނެވެ.
މި ހާދިސާގެ ސަބަބުން މައި ހުންޒާ މަގު ބަންދުވެ، ދަތުރުފަތުރު ކުރަން ޖެހުނީ ސާސް ވެލީ މަގުންނެވެ. އަލީއާބާދާއި ކައިރި ރަށްރަށުގެ އިރިގޭޝަން އަދި ބޯފެނުގެ ނިޒާމަށް ވަނީ ގެއްލުން ލިބިފައެވެ. މީގެ އިތުރުން، ނާގަރު ޚާސްގެ ސުޕުލްޓަރ ނުއްލާގެ ފެންބޮޑުވުމުގެ ސަބަބުން ހޯޕަރ ވެލީ މަގު ބަންދުވެ، ޓޮކޯރކޯޓް ރަށުގެ ފާލަމެއް ވަނީ ހަލާކުވެފައެވެ.
މި ހާދިސާގެ ސަބަބުން ސަރަހައްދުގެ ގިނަ ރަށްތަކުގައި ބޯފެނާއި ދަނޑުބިންތަކަށް ފެން ދިނުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. ޚާއްޞަކޮށް ދަންޔާރު ސަރަހައްދުގައި ގަސްތަކާއި ދަނޑުބިންތައް ވަނީ ހަލާކުވެފައެވެ. ހިސާބުގެ ވޮލަންޓިއަރުން ވަނީ މުހިންމު އަސާސީ ވަސީލަތްތައް އަލުން ގާއިމުކުރުމަށް މަސައްކަތް ފަށާފައެވެ.
މާހިރުން ބުނާ ގޮތުގައި މި ކާރިސާ ދިމާވީ ސަރަހައްދުގައި ކުރިމަތިވި ހޫނުގަދަ މޫސުމާއި ގަދަ ފިނީގެ ސަބަބުން ގަނޑުފެން ވިރުން އަވަސްވުމުގެ ސަބަބުންނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ގަނޑުފެން ލޭކްތައް ކުއްލިއަކަށް ފަލައިގެން ދިއުމުން ބޮޑެތި ކާރިސީ ފެންބޮޑުވުންތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.


