ޕާކިސްތާނުގެ މޫސުމީ ކާރިސާތަކުން ގެދޮރު ގެއްލި، މިލިއަނުން މީހުން ދަނީ ހިޖުރަކުރަމުން

ޕާކިސްތާނުގައި މޫސުމީ ކާރިސާތައް އިތުރުވަމުން ދިއުމާއެކު، ފެންބޮޑުވުމާއި، ހޫނުގަދަވުމާއި، ހަނަފަސްވުމުގެ ސަބަބުން ގެދޮރު ގެއްލޭ މީހުންގެ އަދަދު މިލިއަނުން މައްޗަށް އަރާފައި ވެއެވެ. ކަރާޗީ ބޮޑެތި ސިޓީތަކަށް ރަށް ފުށުގެ ހިސާބުތަކުން މީހުން ހިޖުރަކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. 2010 އަދި 2022 ވަނަ އަހަރު ޕާކިސްތާނަށް ކުރިމަތިވި ބޮޑެތި ފެންބޮޑުވުމުގެ ކާރިސާތަކުގައި 33 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. މީގެ ތެރެއިން ގިނަ ބަޔަކު މިހާރު ދިރިއުޅެމުންދަނީ ކަރާޗީގެ ޓެންޓް ސިޓީގައި ހަދާފައިވާ ވަގުތީ ހިޔާތަކުގައެވެ.

ޕާކިސްތާންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2009 އިން 2023 އަށް، ޕާކިސްތާނުގައި މޫސުމީ ކާރިސާތަކުގެ ސަބަބުން 24.3 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޕާކިސްތާންގެ އެތެރޭގައި އެކި ތަންތަނަށް ހިޖުރަ ކޮށްފައެވެ. މީގެ ތެރެއިން 24.1 މިލިއަން މީހުންނަށް ހިޖުރަ ކުރަން މަޖުބުރިވީ ހަމައެކަނި ފެންބޮޑުވުމުގެ ސަބަބުންނެވެ. ނަމަވެސް، ރަސްމީ ތަފާސްހިސާބުތަކުން މި މައްސަލައިގެ ބޮޑުމިނާއި ސަބަބުތައް ފުރިހަމައަށް ހާމައެއް ނުވެއެވެ.

ސާވޭތަކުން ދައްކާ ގޮތުގައި ހިޖުރަކޮށްފައިޥާ މީހުންނަށް އިޖުތިމާއީ އަދި ސިއްޙި އެތައް މައްސަލައާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ހޫނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އަންހެނުންނަށެވެ. އަދި ޅަކުދިން ތައުލީމުން މަހުރޫމް ވެއެވެ. ހިޖުރަކޮށްފައިވާ މީހުންގެ  ކުދިންގެ ތެރޭން، ސިންދުއާބާދުގައި 91،000 އަށްވުރެ ގިނަ ކުދިން ސްކޫލަކަށް ވެސް ނުދެއެވެ. އަދި ފެން ހޯދުމަކީވެސް މި ފަރާތްތަކަށް ބޮޑު ގޮން ޖެހުމެކެވެ.

މިފަހަކަށް އައިސް މޫސުމީ ކާރިސާގައި އެންމެ ކުރީގައި އުޅޭ ގައުމަކީ ޕާކިސްތާން ކަމަށްވާއިރު ޕާކިސްތާނުގައި އަދިވެސް މޫސުމީ ހިޖުރައާ ގުޅޭ ޤައުމީ އޮނިގަނޑެއް އެކުލަވާލެވިފައެއް ނެތެވެ. ތަޖުރިބާކާރުން ވަނީ މޫސުމަށް އެކަށީގެންވާ ގޮތަށް ގެދޮރު އެޅުމަށާއި، ރަނގަޅު ރޭވުންތެރިކަމާއެކު ހިޖުރަ ކުރާ މީހުންގެ ކަންކަން ބަލަހައްޓައި ހިޖުރަކުރާ މީހުން ރަޖިސްޓްރީކުރުމަކީ މަޖުބޫރު ކަމަކަށް ހެދުން މުހިންމު ކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!