އިޒްރޭލުން ހުޅަނގު އައްސޭރި ހިފުމަށް މަސައްކަތް ކުރުމަކީ ރަތް ރޮނގެއް ކަމަށާއި އެކަން ނުކުރުމަށް ޔޫއޭއީ އިން އިޒްރޭލަށް މިއަދު އިންޒާރެއްދީފިއެވެ. ޔޫއޭއީން ބުނެފައި ވަނީ އެފަދަ ފިޔަވަޅަކީ، އިބްރާހީމީ މުއާހަދާއަށް ނުރައްކާ ވެދާނެ ހާލަތެއް ކަމަށެވެ. މިއީ ޣައްޒާ ނަސްލު ނައްތާލުމުގެ ހޮލޮކޯސްޓްގައި އިޒްރޭލަށް އާދަވެގެން ސަޕޯޓު ކުރާ ޔޫއޭއީ އިން މިހާތަނަށް އިޒްރޭލަށް މިފަދަ އިންޒާރެވެ.
ޔޫއޭއީގެ އެސިސްޓެންޓް މިނިސްޓަރ ފޮރ ޕޮލިޓިކަލް އެފެއާޒް ލާނާ ނުސައިބާ ވިދާޅުވި ގޮތުގައި މިފަދަ ފިޔަވަޅަކުން ސަރަހައްދީ އެކުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ވަރަށް ބޮޑު ހުރަހެއް ކުރިމަތި ވެދާނެ އެވެ. އަދި ދެ ދައުލަތެއްގެ ގޮތުގައި ސުލްހަވެރިކަމާއެކު އޮތުމުގެ ތަސައްވުރު ނެތިގެން ހިނގައި ދާނެއެވެ.
ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލާ ޔޫއޭއީގެ އެއްބާރުލުން ވަނީ އިތުރުވެ ވައިގެ ދަތުރުފަތުރުތައް ވަނީ އިތުރު ވެފައެވެ. ޔޫއޭއީއާއި އިޒްރޭލާ ދެމެދު ދފުވާލެއްގެ މައްޗަށް 18 އަށް ވުރެން ގިނަ ވައިގެ ދަތުރުތައް ބާއްވައެވެ. މިއީ ހަމައެކަނި ފަސިންޖަރުން އުފުލާ ދަތުރުތަކެވެ. މިނޫނަސް އެތައް ކާގޯ ދަތުރެއް ބާއްވައެވެ.
ޔޫއޭއީން މި ހަރުކަށި ބަޔާން ނެރެފައި ވަނީ އިޒްރޭލުގެ ފައިނޭންސް މިނިސްޓަރ ބެޒަލެލް ސްމޮޓްރިޗް، ވެސްޓް ބޭންކު ހިފުމަށް ބާރުއަޅައި ކެބިނެޓް ބައްދަލުވުމެއް ބޭއްވުމަށް ބާރުއަޅަމުން ދިއުމާ ގުޅިގެންނެވެ.
ނުސައިބާ ގެ އިންޒާރުގައި ވަކި ވަކި ފިޔަވަޅުތަކެއްގެ ވާހަކަ ބަޔާން ކޮށްފައެއް ނުވެއެވެ. ޔޫއޭއީން 2020 ވަނަ އަހަރު އިޒްރޭލާއެކު ގުޅުން ގާއިމް ކުރުމަށްފަހު، އެމެރިކާ އަދި އިޒްރޭލުގެ ޓެކްނޮލޮޖީ އަދި ދިފާއީ ދާއިރާތަކާއެކު ގުޅުން ވަނީ ބަދަހި ކޮށްފައެވެ.





