ޕާކިސްތާނުގެ ޚައިބަރު ޕަޚުތުންހުވާ ސަރަހައްދުގައި ކުއްލިއަކަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން، ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ކާރިސާތަކުގައި 200 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. މޫސުމީ ކާރިސާތަކުގައި މިއަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް މުޅި ޕާކިސްތާނުގައި 700 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އަދި ހާހުން ގުނާލެވޭ އަދަދެއްގެ މީހުންނަށް އަނިޔާވެ، އެތައް ބަޔެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވެއެވެ.
މޫސުމާބެހޭ މަރުކަޒުން ކުރިން އިންޒާރު ދީފައިވީ ނަމަވެސް، އާންމު ރައްޔިތުންނާ ހަމައަށް އެ މައުލޫމާތު ފޯރާފައެއް ނުވެއެވެ. މިސްކިތްތަކުގެ ލައުޑްސްޕީކަރުތަކުންވެސް އެކަން އާންމުންނާ ހަމައަށް ގެނަސްދީފައެއް ނުވެއެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ މެދުގައި ސަރަހައްދީ އިޚުތިސާސްއާ ބެހޒޭ ގޮތުން އުފެދޭ ދެބަސްވުމާއި ހެދި ސަލާމަތީ އުޅަނދުފަހަރުގެ ޚިދުމަތްވެސް 48 ގަޑިއިރަށް ލަސްވެގެން ދިޔައެވެ.
ބުނަރު ސަރަހައްދުގެ 73 ޕަސެންޓް މީހުންގެ ގެދޮރަށް ގެއްލުން ލިބިފައި ވެއެވެ. އޭގެ އިތުރުން، 80 ޕަސެންޓް ދަނޑުބިންތަކުގައި ފެން ބޮޑުވެފައި ވެއެވެ. އަދި ދިރޭ ޖަނަވާރުގެ ދެބައިކުޅަ އެއްބައި މަރުވެފައިވެއެވެ. މީގެ އިތުރުން ފެނާ ގުޅުންހުރި ބަލިތައް އާންމުންގެ ތެރޭގައި އިތުރުވެ، ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ވެސް ފާހަގަކުރެވެއެވެ.
ކަރާޗީ ފަދަ ދެކުނުގެ ބޮޑެތި ސިޓީތަކުގައި މަގުތައް ބަންދުވެ، ހާހުން ގުނާލެވޭ އަދަދެއްގެ ގޭބިސީތަކުން ކަރަންޓު ކެނޑިފައިވެއެވެ. އެއާ ޚިލާފަށް ސިންދު އަދި ބަލޫޗިސްތާން ސަރަހައްދުތަކުގައި ހަނަފަސްކަމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައި ވެއެވެ. މި މައްސަލަތަކަކީ މުހައްލިލުން ދެކޭ ގޮތުގައި އެތައް އަހަރެއް ވަންދެން ފެނާބެހޭ ސިޔާސަތުތައް ސަރުކާރުން ރަނގަޅަށް ތަންފީޒު ނުކުރެވުމުގެ ނަތީޖާއެކެވެ.
ޕާކިސްތާނުގައި ކާރިސާތަކާ ކުރިމަތިލުމުގެ ނިޒާމު ބަރޯސާވެފައިވަނީ މިލިޓަރީގެ އެހީތެރިކަމަށެވެ. އަދި ސިވިލް އިދާރާތަކަށް އެކަށީގެންވާ ބަޖެޓް ދީފައި ނުވުމުގެ ސަބަބުން ކާރިސާތަކުގައި އެފަރާތްތަކަށް ހަރަކާތްތެރި ނުވެވެއެވެ. ކާރިސާތަކާ ކުރިމަތިލުމަށް އަހަރަކު ޕާކިސްތާނުން ޚަރަދުކުރަނީ އެންމެ 47 މިލިއަން ޑޮލަރެވެ. މިއީ އެއް އިންފްރާސްޓްރަކްޗަރ މަޝްރޫއަކަށް ހިނގާ ޚަރަދަށްވުރެވެސް ކުޑަ މިންވަރެއްކަން ފާހަގަ ކުރެވެއެވެ.




