ދެކުނު އޭޝިއާގެ ސަރަޙައްދުގެ ސުލްޙައާއި އަމަންކަމަށް ނުރައްކާވާ ފަދަ ގޮތަކަށް އަފްޣާނިސްތާނު ސަރަހައްދުން އޮޕަރޭތް ކުރާ ޓެރަރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް ސަރަޙައްދީ ފެންވަރުގައި މަސައްކަތް ވިލަރެސް ކުރުމަށް ޕާކިސްތާނުން ގޮވާލައިފިއެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕަރސަން އެމްބެސެޑަރ ޝަފްގަތް އަލީ ޚާންގެ މި ހަފްތާގެ ބްރީފިންގައި ވިދާޅުވި ގޮތުގައި، ޕާކިސްތާނުގައި މަނާކޮށްފައިވާ ޓެރަރިސްޓް ޖަމާއަތް ކަމަށްވާ ތަހުރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ފަދަ ޖަމާޢަތްތަކުން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލުމަށް ސަރަހައްދު އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ.
އޭނާ މި ވާހަކަ ދެއްކެވީ މި ފަހުން އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓަރ މުއްލާ ޔަޢުޤޫބް ޕާކިސްތާނާށް ފާޑު ވިދާޅުވެ، އިސްލާމްއާބާދުން އެތެރޭގެ ހަމަނުޖެހުން އެހެން ފަރާތްތަކުގެ ބޮލުގައި އަޅުވަން މަސައްކަތް ކުރަނީ ކަމަށް ވިދާޅުވެ ފާޑު ކިޔުމާ ގުޅިގެންނެވެ.
ޕާކިސްތާންގެ ޚާރިޖިއްޔާގެ ތަރުޖުމާން ވިދާޅުވީ އަފްޣާން ލީޑަރުން ވިދާޅުވަނީ ހެއްވާ ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ، އަފްޣާނިސްތާނުގެ ސިޔާދަތަށް ޕާކިސްތާނުން އިޙްތިރާމްކުރާ ކަމަށާއި، އިތުބާރުހުރި ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށް އަމާޒުކުރެވިގެން ހިންގާ އޮޕަރޭޝަންތައް ކުރިއށް ގެންދިއުމުގައި ޕާކިސްތާނުން ދެމިހުންނާނެ ކަމަށެވެ.
އަފްޣާނިސްތާނަށް އައިސްފައިވާ ބިންހެލުމާއެކުވެސް ޕާކިސްތާނުން ވަނީ ޑޮކިއުމަންޓް ނެތް އަފްޣާން މީހުން އަނބުރާ ފޮނުވާލުމަށް ކުރަމުންދާ މަސައްކަތް އެގޮތުގައި ދަމަހައްޓާނެ ކަމަށް ވިދާޅުވެފައެވެ. ޕާކިސްތާނުގެ މިފިޔަވަޅުތަކަށް ރެފިއުޖީންނާ ބެހޭ އދގެ ހައިކޮމިޝަނަރު ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ ވަނީ އެ މަސައްކަތް ހުއްޓާލުމަށް އިސްލާމްއާބާދަށް ގޮވާލައްވާފައެވެ. ނަމަވެސް، "ޤާނޫނާ ޚިލާފަށް ޕާކިސްތާންގައި ދިރިއުޅޭ ކޮންމެ މީހަކު އަނބުރާ ފޮނުވާލެވޭނެ" ކަމަށް ޚާން ވިދާޅުވިއެވެ.
ޝަންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓާ ގުޅޭގޮތުން އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ފާޑުކިޔުންތަކާ ގުޅޭގޮތުން ޕާކިސްތާން ޚާރިޖިއްޔާގެ ތަރުޖުމާން ސީދާ އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އޭނާ ވަނީ ތިޔާގިކަމާއި ސުލްޙަ ދެމެހެއްޓުމާއި ސަލާމަތްތެރިކަމާއި، ތަރައްޤީ ކުރިއެރުވުމުގައި މި ސަމިޓުން ކާމިޔާބު ވެފައިވާކަން ފާހަގަކުރައްވާފައެވެ.



