ޕާކިސްތާނުގެ ކްރިކެޓް މެޗެއްގައި ހިނގި ބޮން ހަމަލާއެއްގައި އެކަކު މަރުވެއްޖެ

ޕާކިސްތާނުގެ ޚައިބަރު ޕަޚުތުންހްވާ ސަރަހައްދުގެ ހާރު ތަހުސީލްގައި ހުންނަ ކައުސަރު ކްރިކެޓް މައިދާނުގައި ހޮނިހިރު ދުވަހުގެ ހަވީރު ހިނގި ޓެރަރިސްޓް ހަމަލާއެއްގައި އެކަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ. އެ ސަރަހައްދުގެ ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހަމަލާއަކީ ބަޔަކު މީހުން ރާވައިގެން ދިން ހަމަލާއެކެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން މި ހަމަލާގެ ޒިންމާ ނަގާފައެއް ނުވެއެވެ. ހަމަލާގައި އަނިޔާވި ފަރާތްތައް ވަނީ އަވަސް ފަރުވާ ދިނުމަށް ޑިސްޓްރިކްޓް މަރުކަޒީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ކްރިކެތް ސްޓޭޑިއަމްއަށް ހަމަލަ ދީފައި ވަނީ މި ސަރަހައްދުގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ޑްރޯން މެދުވެރިކޮށް ހަމަލާއެއް ދިންތާ ކުޑަ އިރުކޮޅެއްގެ ފަހުންނެވެ. މިކަމާ ގުޅިގެން އެ ސަރަހައްދުގައި ޓެރަރިސްޓުންގެ ހަރަކާތްތައް އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ސަލާމަތީ ދާއިރާގެ ތަޖުރިބާކާރުން ދެކޭގޮތުގައި މި ހަމަލާތަކަކީ ޕާކިސްތާނުގެ ސިފައިން ޓެރަރިޒަމާ ދެކޮޅަށް ފަށާފައިވާ "އޮޕަރޭޝަން ސަރްބަކަފް" އަށް ރައްދު ދިނުމާ ގުޅޭ ގޮތުން ޓެރަރިސްޓުން ދެމުންދާ ހަމަލަތަކެެކެވެ. މިއީ ގަބީލާ ސަރަހައްދުތަކާއި އަދި ބޯޑަރު ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ނެޓްވޯކްތައް ނައްތާލުމަށް ސިފައިން ހިންގާ އޮޕަރޭޝަނެކެވެ. ކައުސަރު ކްރިކެޓް ސްޓޭޑިއަމްއަށް ދިން ހަމަލައަށްފަހު، އާންމު ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް މިހާރު ވަނީ ހަރުދަނާ ކޮށްފައެވެ. އަދި މި ހަމަލާގައި ބައިވެރިވި ފަރާތްތައް ހޯދުމަށް ފުލުހުން ވަނީ އޮޕަރޭޝަނެއް ފަށާފައެވެ.

ހިއްސާ ކުރައްވާ!