ދުބާއީ އެއަރ ޝޯގައި ޔަހޫދީ ކުންފުނިތައް ބައިވެރި ނުކުރާން ނިންމައިފި

ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެކިއުރިޓީ ކޮންފަރެންސާއި އެއާޝޯގައި އިސްރާއީލްގެ ދިފާއީ ކުންފުނިތަކަށް ބައިވެރިވުން މަނާކޮށްފިއެވެ. ޔަހޫދީންނަށް މި ޝޯއާއި ކޮންފަރެންސްގައި ބައިވެރި ނުކުރެވޭ ގޮތަށް ހެދީ އިސްރާއީލުން ދޯހާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އަޅާ ތައުދީބީ ފިޔަވަޅެއްގެ ގޮތުންނެވެ. މި ކަން ރުިޕޯޓުކޮށްފައި ވަނީ އިސްރާއީލްގެ މީޑިއާއިން ނެވެ.

މި މަޢުލޫމާތު އިސްރާއީލްގެ ކުންފުނިތަކުގެ އެގްޒެކެޓިވުންނަށާއި އިސްރާއީލްގެ ދިފާއީ މިނިސްޓްރީއަށް ދުބާއީން ދީފައިވަނީ "ސަލާމަތީ ކަންބޮޑުވުންތަކެއް" ހުރި ކަމަށް ބުނެއެވެ. ނަމަވެސް އިސްރާއީލްގެ މީޑިއާއިން ބުނާ ގޮތުގައި ޓެލް އަވީވްގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ ދޯހާއަށް ދިން ޓެރަރިސްޓް ހަމަލާގެ އަދަބެއްގެ ގޮތުންނެވެ.

ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދުބާއީ އެއަރޝޯއަކީ ދިފާއީ ދާއިރާއާއި އޭވިއޭޝަން ދާއިރާގެ ފާހަގަކޮށްލެވޭ ބޮޑު މައުރަޒެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި 2020 ވަނަ އަހަރު ވެފައިވާ ޔަހޫދީ އިބްރާހީމީ މުއާހަދާގެ ދަށުން ޔޫއޭއީއާއެކު ގުޅުން އާދައިގެ ހާލަތަކަށް އައުމާ ގުޅިގެން، 2021 އިން ފެށިގެން އިސްރާއީލްގެ ކުންފުނިތަކުން މި މައުރަޒުގައި ބައިވެރިވަމުން ގެންދެއެވެ.

ހިއްސާ ކުރައްވާ!