އިމްރާން ޚާނުގެ ސޯޝަލް މީޑިއާ ހަރަކާތްތަކާ ގުޅިގެން އައު ޤާނޫނީ ހަނގުރާމައެއް ފެށިއްޖެ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި ޕާކިސްތާން ތަޙުރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ މުއައްސިސް އިމްރާން ޚާނުގެ ސޯޝަލް މީޑިއާ ހަރަކާތްތަކާ ގުޅިގެން އިސްލާމާބާދު ހައިކޯޓަށް އައު މައްސަލައެއް ހުށަހަޅައިފިއެވެ. ޣުލާމް މުރުތަޒާ ޚާން ނަމަކަށް ކިޔާ އާންމު ރައްޔިތަކު ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، އިމްރާން ޚާން ޖަލުގައި ހުންނަވާ ވަގުތު އޭނާގެ އެކްސް އެކައުންޓުން ކުރަމުންދާ ޕޯސްޓްތަކަކީ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދާ އަދި ނުބައި ނިޔަތުގައި ކުރާ ޕޯސްޓްތަކެއް ކަމަށެވެ. އަދި މިއީ ޖަލުގެ ގަވާއިދުތަކާއި ޤައުމުގެ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށެވެ.

މި މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ އިމްރާން ޚާނުގެ އެކައުންޓް ހިންގަމުން ގެންދަނީ ކޮން ފަރާތަކުންތޯ ބެލުމަށް ނޭޝަނަލް ސައިބަރ ކްރައިމް އިންވެސްޓިގޭޝަން އޭޖެންސީ އާއި ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ތަހުގީގެއް ކޮށް ދިނުމަށް އަމުރެއް ނެރެ ދިނުމަށެވެ. އަދި އިމްރާން ޚާންގެ ޕޯސްޓްތައް ބްލޮކްކޮށް ދިނުމަށާއި އޭނާ ކުރިން ކުރައްވާފައިވާ ޕޯސްޓްތައް ނައްތާލުމަށާއި، ޕީޓީއައި އިން މިފަދަ ޕޯސްޓްތައް ފެތުރުން ހުއްޓުވައި ދިނުމަށް ކޯޓުގައި އެދިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އަދިއާލާ ޖަލުގައި ބަންދުކޮށްފައި ހުރި އިމްރާން ޚާނާ ޕާކިސްތާންގެ ސައިބަރ ކްރައިމް ތަހުގީގު ކުރާ ފަރާތްތަކުން ބައްދަލުކުރަން ދިޔަ އެވެ. ނަމަވެސް، އިމްރާން ޚާންގެ ވަކީލުންގެ ހާޒިރުގައި މެނުވީ އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާނެ ކަމަށް ވިދާޅުވެ ޚާން ވަނީ އެފަރާތްތަކަށް އެއްބާރު ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

މީގެ އިތުރުން، އިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީއަށް ޖަލުގައި ތިބެގެން އެއްދާންކުރުމަށް އެކުގައި ވަގުތު ހޭދަކުރުމުގެ ހައްގު ލިބިދިނުމަށް އެދި އިތުރު މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ. އިމްރާން ޚާނަށް މިހައްގު ޖަލުގެ އިދާރާއިން ލިބިދީފައެއް ނުވެއެވެ. މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅާ ކަމަށާއި މިކަމަކީ، ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ މުއާހަދާތަކާއި ކުރީގެ ކޯޓު ހުކުމްތަކުގެ މައްޗަށް ބިނާކޮށް ހުށަހަޅާ މައްސަލައެއް ކަމަށެވެ. އަދި މި ހައްގު ނުދިނުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ވެސް އެފަރާތުން ދައުވާގައި ބަޔާންކޮށްފައި ވެއެވެ.

ޕާކިސްތާންގައި ސިފައިންނާއި ދެކޮޅަށް އާންމު ނިކުމެ ކުރި މުޒާހަރާގައި ތަންތަން ހުޅު ޖެހި މައްސަލާގައި އިމްރާން ޚާނާއި އޭނާގެ ޕާޓީ މީހުން ވަނީ ޖަލަށް ލާފައެވެ. އަދި ސިފައިންގެ މައި މަރުކަޒުގައި ހުޅުޖެހި މައްސަލާގެ ޝަރީއަތުގައި އިމްރާން ޚާން ވީޑިއޯ ލިންކް މެދުވެރިކޮށް ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވާތީ، ރާވަލްޕިންޑީގެ އެންޓި ޓެރަރިޒަމް ކޯޓު ވަށައިގެން ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައެވެ.

ހިއްސާ ކުރައްވާ!