ޕާކިސްތާނުން ކްރިޕްޓޯ ކަރަންސީއާ ދިމާއަށް ދާއިރު އިތުބާރު އުފައްދަން ޖެހިފަ

ޕާކިސްތާނުން ވަނީ ކްރިޕްޓޯކަރަންސީ ބަލައިގަތުމުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް ގެނެސް، ފުރަތަމަ ސްޓްރެޓެޖިކް ބިޓްކޮއިން ރިޒާވެއް ޤާއިމްކޮށްފައެވެ. އަދި ޕާކިސްތާން ކްރިޕްޓޯ ކައުންސިލް އެކުލަވާލައި ޕާކިސްތާން ޑިޖިޓަލް އެސެޓްސް އޮތޯރިޓީ ވެސް ވަނީ އުފައްދާފައެވެ. މި މަސައްކަތުގައި އިސްވެ ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ސްޓޭޓް މިނިސްޓަރ ފޮރ ކްރިޕްޓޯ އެންޑް ބްލޮކްޗެއިން، ބިލާލް ބިން ސަޤީބެވެ.

ޕާކިސްތާނުން ވަނީ އަހަރަކު 7 ބިލިއަން ޑޮލަރުގެ މިންވަރަކަށް އިސްރާފުވާ ކަރަންޓަށް ކުރަން ޖެހޭ ހޭދަ ބިޓްކޮއިން މައިނިންގ އަދި އޭއައި ޑޭޓާ ސެންޓަރުތަކުގައި ބޭނުންކުރުމަށް ރާވާފައެވެ. މީގެ އިތުރުން ބައިނެންސް އަދި ވޯލްޑް ލިބަރޓީ ފައިނޭންޝަލްއާއެކު ޕާކިސްތާނު ސަރުކާރުގެ ޑިޖިޓަލް އެސެޓް ނިޒާމުން ވަނީ އެއްބަސްވުންތަކެއްވެސް ހަދާފައެވެ. ނަމަވެސް ޕާކިސްތާންގެ މި ޕްލޭނަކީ، އައިއެމްއެފް އަދި ތިމާވެށީގެ ޖަމާއަތްތަކުގެ ފާޑުކިޔުން އަމާޒު ވެފައިވާ ކަމެކެވެ.

2022 ވަނަ އަހަރު ޕާކިސްތާންގައި ހިނގާފައިވާ 100 މިލިއަން ޑޮލަރުގެ މަކަރާއި ހީލަތުގެ މައްސަލަތަކާއި، 2024 ގައި ކްރިޕްޓޯއާ ގުޅިގެން 11،000 އަށްވުރެ ގިނަ ބޭންކް އެކައުންޓް ބްލޮކް ކޮށްފައިވާ މައްސަލަތަކާ ގުޅިގެން، މި ދާއިރާއަށް އާންމުންގެ އިތުބާރު އަދި އާލާވާ ގޮތެއް ނުވެއެވެ. އޭގެ އިތުރުން ނޫނީ އޮނިގަނޑު ހަރުދަނާ ނުވުމާއި، ސްޓޭޓް ބޭންކުން ކްރިޕްޓޯ ވިޔަފާރިއަށް ހިތްވަރު ނުދިނުމަކީ މީޙުން މިކަމުގައި ކުރިއަށް ދިއުމަށް އެޅޭ ހުރަހެއްގެ ގޮތުގައި ފާހަގަ ކުރާ ކަންކަމެވެ، އެހެންވެ، ޕާކިސްތާނުގެ މި އައު އިސްނެގުމުގެ ކާމިޔާބީއާމެދު ސުވާލު އުފެދިފައިވެއެވެ.

ޕާކިސްތާނުގެ މި މަސައްކަތަކީ ޑިޖިޓަލް ތަރައްގީއަށް އެޅޭ ފިޔަވަޅެއްކަމުގައި ވިޔަސް، މި ކަމަށް ބޭނުން ވަނީ އިޚުލާސްތެރި ކަމާއެކު ރަނގަޅު އިސްލާހުތަކަކެވެ. އަދި ހަރުދަނާ ގާނޫނީ އޮނިގަނޑަކާއެކު ބެލެހެއްޓުމުގެ ނިޒާމެއް ވެސް ބޭނުން ވެއެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ ފިޔަވަޅުތަކެއް ނެތި، މި މަސައްކަތް ކާމިޔާބުވުމަކީ ގޮންޖެހުމަކަށް ވެދާނެކަމެއް ކަމަށް ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!