ޕާކިސްތާންގެ އައިސީބީއެމްއަކީ އެމެރިކާއަށް ނުރައްކަލެއް ބާ؟

ޕާކިސްތާނުގެ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޕްރޮގްރާމް (އައި.ސީ.ބީ.އެމް) އިން ޕާކިސްތާނުގެ އައު ރަހުމަތްތެރިޔާ އެމެރިކާއަށް ނިއުކްލިއަރ ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ސަލާމަތީ މާހިރުން އިންޒާރުދެމުންދެއެވެ. މިކަމަކީ ދެކުނު އޭޝިއާގެ ސްޓްރެޓެޖިކް ވެށްޓަށް ބޮޑު ބަދަލެއް ގެނެސްފާނެ ކަމެއް ކަމަށް ބެލެވެއެވެ.

މިކަމާ ގުޅޭ ގޮތުން ފުރަތަމަ އިންޒާރު ދިން ފަރާތަކީ އެމެރިކާގެ ކުރީގެ ޑެޕިއުޓީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޮން ފައިނަރ އެވެ. އެއީ 2024 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.

އޭގެ ފަހުން ޕާކިސްތާނުން ކާމިޔާބު އައި.ސީ.ބީ.އެމް ޓެސްޓުތަކެއް ހަދާފައި ވެއެވެ. އަދި ޗައިނާއާއެކު ގުޅުން ބަދަހިކުރަމުން ދިއުމުން އެމެރުިކާގެ ސްޓްރެޓެޖިސްޓުންނަށް މިކަމުގެ ކަންބޮޑުވުން އިތުރުވެފައިވެއެވެ. އަދި ޕާކިސްތާނުގެ ނުތަނަވަސްކަން އިތުރު ވެފައި ވަނީ އީރާނުގެ ނިއުކްލިއަރ ތަންތަނަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ނެވެ. އެއަށްފަހު މުހައްލިލުން ލަފާ ކުރާ ގޮތުގައި ޕާކިސްތާނުން ވަނީ ދުރު ރާސްތާއަށް ދަތުރުކުރާ މިސައިލްތައް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކޮށްފައެވެ.

ޓްރަމްޕް އިދާރާއިން ޕާކިސްތާނުގެ އަސްކަރީ މުއައްްސަސާއާއި ސަރުކާރާއެކު ގާތް ގުޅުމެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދެއެވެ. މިކަމަށް ބާރުއެޅުމުގެ ގޮތުން ޕާކިސްތާނުން ވަނީ ޓްރަމްޕަށް ނޯބެލްގެ ސުލްހައިގެ އިނާމު ހައްގު ކަމަށް ބުނެ އެ އިނާމު ހޯދައި ދިނުމަށް މަސައްކަތް ކޮށްފައެވެ. ޕާކިސްތާނުގެ އަސްކަރީ އިސްވެރިޔާ އާސިމް މުނީރު އަކީ ޓްރަމްޕަށް ނޯބަލްގެ ސުލްހައިގެ އިނާމު ހޯދައި ދިނުމަށް ނަން ހުށަހެޅުމަށް ފުރަތަމަ އިއުލާން ކުރެއްވި ފަރާތެވެ.

ޕާކިސްތާނުގެ އަސްކަރީ މުއައްސަސާގެ ހަރަކާތްތަކާ ހެދި، 2024 ގެ ޑިސެމްބަރުގައި ބައިޑެން ސަރުކާރުން ޕާކިސްތާނުގެ ހަތަރު ކުންފުންޏަކަށް ދެމުންއައި އެހީތައް ހުއްޓާލާފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ނެޝަނަލް ޑިވެލޮޕްމަންޓް ކޮމްޕްލެކްސް (އެން.ޑީ.ސީ) ހިމެނެއެވެ. ނަމަވެސް، މިހާރު ވަޅޫކަން ކެނޑެމުންދާ އެމެރިކާ ޕާކިސްތާންގެ ގުޅުންތަކުގެ ތެރެއިން މި ފިޔަވަޅުތައް މަޑުމައިތިރިކުރެވިދާނެކަމަށް މުހައްލިލުން ދެކެއެވެ.

މި ރޮނގުން ބަލާއިރު،. ޕާކިސްތާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ޗައިނާއިން ދެމުންއަންނަ އެހީތެރިކަމަކީ އިތުރު ގޮންޖެހުމެކެވެ. ޕާކިސްތާނުގެ މިސައިލް ތަރައްގީކުރުމަށް އެހީތެރިވާ ޗައިނާގެ ފަރާތްތަކަށްވެސް އެމެރިކާއިން ފިޔަވަޅު އަޅާފައިވެއެވެ.

ހިއްސާ ކުރައްވާ!