އިސްލާމްއާބާދާ ދިމާއަށް ދާން އުޅުނު މީހުންނަށް ހުރަސް އަޅައިފި

ޓެހްރީކޭ ލައްބައިކެ ޕާކިސްތާން (ޓީއެލްޕީ) ގެ ސަޕޯޓަރުން އިސްލާމްއާބާދާ ދިމާއަށް "ގައްޒާ މާރޗް" ގެ ނަމުގައި ބޭއްވި ހިނގާލުން ފުލުހުން ހުއްޓުވައިފިއެވެ. ތަހުރީކޭ ލައްބައިކެ އިން ބުނަނީ ފުލުހުން އެމީހުންނާ ދެކޮޅަށް ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށެވެ.  ލާހޯރު އަދި ގުޖުރާތުގައި ހިނގި މި ހަމަނުޖެހުންތަކުގައި ޓަހުރީކޭ ލައްބައިކެ އިން ވަނީ ފުލުހުންނާ ދިމާއަށް އޮށްގަލުން ހަމަލަދީ ފުލުހުންގެ އުޅަނދުތައް ހިފަހައްޓާފައެވެ. މީގެ ރައްދު ޖަވާބުގައި ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށް، ބެރިކޭޑް ޖަހައި، މައި މަގުތަކާއި ފާލަންތަކުގައި ހުރަސްތައް މެދުވެރި ކޮށްފައެވެ.

މި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ފުލުހުންނަށް އަނިޔާވެފައިވެއެވެ. އަދި ތަހުރީކޭ ލައްބައިކެ އިން ބުނަނީ އެމީހުންގެ މެމބަރުން ފުލުހުންގެ ހަމަލަތަކުން މަރުވެފައިވާކަމަށެވެ. ނަމަވެސް މިކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ. އެންޓި-ޓެރަރިޒަމް ކޯޓުން ވަނީ 110 އެކްޓިވިސްޓުން 12 ދުވަހުގެ މުއްދަތަށް ބަންދުކުރުމުގެ ހުއްދަ ދީފައެވެ.

ދާޚިލީ ވަޒީރު ޠަލާލް ޗައުދުރީ ވަނީ މި ހަމަނުޖެހުންތައް ކުށްވެރިކޮށް، "ބައެއްގެ ބިރުދެއްކުމަށް" ސަރުކާރުން ތަން ނުދޭނެކަމަށް ބުނެ އިންޒާރުދީފައެވެ.

ހިއްސާ ކުރައްވާ!