ޕާކިސްތާނުގެ އުތުރު ހިސާބުގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒަކަށް ހަތިޔާރު ހިފައިގެން ތިބި ބަޔަކު ވަދެ ހަމަލާދިނުމުގެ ސަބަބުން 7 ފުލުހަކާއި 6 ހަނގުރާމަވެރިން މަރުވެއްޖެއެވެ. މި ހަމަލާގައި 13 ފުލުހުން ވަނީ ޒަޚަމްވެފައެވެ.
ދޭރާ އިސްމާއިލް ޚާން ސިޓީގެ ބޭރުގައި ހުންނަ ރައްޓާ ކުލާޗީގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒަށް ދިން މި ހަމަލާގައި، ފުރަތަމަ ގޮވާލި ބޮމުން މަރުކަޒުގެ ގޭޓު ހަލާކުކުރުމަށްފަހު، ހަމަލާދޭން އައި މީހުން ވަނީ މަރުކަޒަށް ވަދެފައެވެ. އެވަގުތު މަރުކަޒުގައި ގާތްގަނޑަކަށް އެކަޑަމީގެ 200 ދަރިވަރުންނާއި އިންސްޓްރަކްޓަރުން ތިބިކަމަށް ފުލުހުން ބުނެއެވެ.
މި ހަމަލާގައި ހަތިޔާރު ހިފައިގެން ތިބި ޓެރިސްޓުންނާއި ފުލުހުންނާ ދެމެދު 6 ގަޑިއިރު ވަންދެން ބަދަލު ކުރި ހަމަލަތަކުގައި ބަރު ހަތިޔާރުތައް ބޭނުންކޮށްފައިވެއެވެ. މިއީ އެ ސަރަހައްދުގައި ހިނގި އެންމެ ފަހުގެ އެންމެ ނުރައްކާ ޓެރަރިސްޓް ހާދިސާ ކަމަށްވާއިރު، ޕާކިސްތާނުގެ ސަލާމަތީ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ.




