ތަހުރީކޭ ލައްބައިކަ ޕާޓީ އުވާލަނީ

ޕާކިސްތާންގެ މުރީދްކޭގައި ތަހުރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީން ހިނގި މުޒާހަރާތަކުގައި ފުލުހުންގެ އޮޕަރޭޝަންއާ ދެކޮޅަށް މަސައްކަތް ކުރުމުން ޕަންޖާބު ސަރުކާރުން ވަނީ ތަހުރީކޭ ލައްބައިކަ ޕާޓީ އުވާލުމަށް ވިސްނާފައެވެ. މި ފިޔަވަޅުތަކުގެ މަޤްޞަދަކީ އެ ޕާޓީގެ ނުފޫޒު ކުޑަކޮށް، އެމީހުންގެ ހަރަކާތްތައް ސިޔާސީ ދާއިރާގައި ހަނިކުރުމެވެ.

މިހާތަނަށް ޕަންޖާބުގެ އެކި ސަރަޙައްދުތަކުން ތަހުރީކޭ ލައްބައިކަ ޕާޓީގެ 2،700 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައި ވެއެވެ. އަދި 72 ޖިނާއީ މައްސަލަ ވެސް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މީގެ ތެރެއިން 39 މައްސަލައަކީ ލާހޯރުގައި ހިނގި މައްސަލަތަކެވެ. މިމީހުން ވަނީ ބައި މަދު މީހުން އަޅުކަން ކުރާ 25 ތަނަކަށް ހަމަލާ ދީފަ އެވެ. އަދުި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ތަކުރާރުކޮށް ހަމަލާ ދީ، ހަދާފައިވާ ކަމުގައިވެސް ސަރުކާރުގެ އިސް ފަރާތްތަކުން ބުނެއެވެ.

ތަހުރީކޭ ލައްބައިކަ ޕާޓީގެ އިސްވެރިޔާ ސަޢުދު ރިޒްވީ ވަނީ ފިލާފައެވެ. ނަމަވެސް މުރިދްކޭ އޮޕަރޭޝަނުގައި އޭނާ ފިލައި ހުރިތަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ރިޒްވީގެ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނުމާ ގުޅިގެން މަނީ ލޯންޑަރިންގގެ ތަޙުޤީޤެއްވެސް ވަނީ ފަށާފައެވެ. ތަހުރީކޭ ލައްބައިކަ އަކީ ކުރިން ސިފައިންގެ ސަޕޯޓާއެކު އުޅުނު ބައެކެވެ. މި ޖަމާޢަތުން ގަދަކަމުން މުޒާހަރާތައް ރާވައި، ސަރުކާރަށް ގޮން ޖެހުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް މިއީ "އެންމެ ފަހު ފުރުޞަތު" ކަމުގައި ސަރުކާރުގެ ފަރާތްތަކުން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!