ޕާކިސްތާންގެ އެންޓި ޓެރަރިޒަމް ކޯޓަކުން އިމްރާން ޚާންގެ ދައްތަ ހައްޔަރު ކުރުމަށް އަމުރު ނެރެފިއެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ ދައްތަ އަލީމާ ޚާނު ހައްޔަރުކުރުމަށް ރާވަލްޕިންޑީގެ ޓެރަރިޒަމް މައްސަލަތައް ބަލާ ކޯޓުން ނެރުނު އަމުރަކީ ޕީޓީއައި ޕާޓީގެ އިހުތިޖާޖުތަކާ ގުޅިގެން ހިންގަމުންދާ ޝަރީއަތްތަކުގެ ތެރެއިން ނެރުނު އަމުރެކެވެ. އަދި އަލީމާ ޚާން ކޯޓަށް ހާޒިރުނުވާތީ ކޯޓުން ވަނީ އޭނާ އޮކްޓޯބަރު 22 ގެ ކުރިން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމަށް އަންގާފައެވެ.
ފަނޑިޔާރު އަމްޖަދު އަލީ ޝާހު ގެން ދަވަނީ މި މައްސަލައިގައި ތުހުމަތުކޮށްފައިވާ 10 މީހުންނަށް ޝަރިއަތް ކުރަމުންނެވެ. ސަރުކާރުން ހުށަހަޅާފައި ވާ 5 ހެކިންގެ ބަޔާން ވެސް ވަނީ ނަގާފައެވެ. އިމްރާން ޚާންގެ ސަރުކާރު ވައްޓާލުމާ ގުޅިގެން ކުރިއަށް ެގްނދިޔަ އިހުތިޖާޖުތަކުގައި ހިނގި އަނިޔާވެރި ހަމަނުޖެހުންތަކުގައި 3 ފުލުހަކު މަރުވެފައިވެއެވެ.
ޕީޓީއައި ޕާޓީން ވަނީ މި ދައުވާތަކަކީ ސިޔާސީ ދައުވާއެއް ކަމަށް ބުނެފައެވެ. އަދި މިއީ ޤާނޫނުގެ ނުރަނގަޅު ބޭނުން ހިފުމެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދި އާންމު މައްސަލައެއްގެ ގޮތުގައި ރިޕޯޓުކުރެވުނު މައްސަލައަކަށް ކުއްލިއަކަށް ޓެރަރިޒަމްގެ ދައުވާއަކަށް ބަދަލުކޮށް އަލީމާ ޚާނުގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ އިމްރާން ޚާނު ބަލިކޮށްލަން ކަމަށްވެސް ޕީޓީއައި އިން ބުނެފައި ވެއެވެ.







