އައިއެމްއެފްއާއެކު އެންމެ ފަހުން ވެފައިވާ އެއްބަސްވުންތަކަށް ފަހު ޕާކިސްތާނުގެ އިގްތިސާދީ ހާލަތަށް ލުޔެއް އަންނާނެ ކަމަށް މާލީ ވަޒީރު މުހައްމަދު އައުރަނގަޒޭބު ވިދާޅުވެއެވެ. ޕާކިސްތާނުގެ ސިޔާސީ ހަމަނުޖެހުމާއި މޫސުމީ ކާރިސާތަކުގެ ސަބބުން ފަޤީރުކަން އިތުރުވެގައި ވެއެވެ. ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ބުނެފައި ވަނީ މިކަމަކީ، އިޤްތިޞާދީ ގޮތުން ނޭދެވޭ މެނޭޖްމަންޓާއި, ސްޓްރަކްޗަރަލް މައްސަލަތަކާއި، އަދި ތިމާވެށީގެ ގެއްލުންތަކުގެ ސަބަބުން ދިމާވެފައިވާ ކަންކަން ކަމަށެވެ. 2020 އިން 2025 އާ ދެމެދު ޕާކިސްތާންގެ އިންފްލޭޝަން އަދި ޖީޑީޕީ ހީނަރު ވުމުގެގެ ސަބަބުން ފަޤީރުކަން 39 އިންސައްތައަށް އަރާފައިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން 12.5 މިލިއަން މީހުން ވަނީ އަލަށް ފަޤީރުންގެ ލިސްޓަށް ވެއްޓިފައިވެއެވެ. މިކަން ހިނގާފައިވަނީ ގޭބެސީގެ ފުދުންތެރިކަން ދަށްވެ، އިޖުތިމާއީ ރައްކާތެރިކަމުގެ ހިޔާ ނުލިބުމުގެ ސަބަބުންނެވެ.
ޕާކިސްތާންގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން، ރަށްފުށުގެ ސަރަޙައްދުތަކުގައި، އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ ދަތިތަކާ ކުރިމަތިލާން ޖެހުމެވެ. މީގެ އިތުރުން ޕާކސިްތާންގެ އިންސާނީ ރައުސްމާލަށްވެސް ނޭދެވޭ އަސަރުތަކެއް ކޮށްފައިވެއެވެ. މިދިޔަ އަހަރު ޕާކިސްތާންގައި ތިންބައިކުޅަ އެއްބައި ކުދިން ސްކޫލުން ވަކި ވެފައި ވެއެވެ. އަދި، މިކަން އެންމެ ބޮޑަށް ދިމާވެފައިވަނީ އަންހެން ދަރިވަރުންނާއި ޅައުމުރު ފުރައިގެ ކުދިންނަށެވެ. މިއީ ދިގު މުއްދަތަށް އޮތް އިޤްތިޞާދީ ކުރިއެރުމަށް އޮތް ހުރަހެއް ކަމުގައި ބެލެވެއެވެ.
ޕާކިސްތާނުގެ އިޤްތިޞާދަށް އެންމެ ބޮޑު އެއް ގެއްލުމެއް ދިން އެއްކަމަކީ ހަކަތައިގެ ދާއިރާގެ އަގުތައް އަހަރުންއަހަރށް މަތި ވަމުން ދިއުމެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރާ ހަމައަށް މި ދަރަނި ވަނީ 2.4 ޓްރިލިއަން ރުޕީއަށް (ޕާކިސްތާންގެ ޖީޑީޕީގެ %2.1) އަށް އަރާފައެވެ. މި ދަރަންޏަކީ ބޭނުންކޮށްފައިވާ ކަރަންޓުގެ ފައިސާ ކުންފުނިތަކަށް ނުދެއްކުމުގެ ސަބަބުން އިތުރު ވަމުން ދިޔަ ދަރަންޏެވެ. ނިސްބަތުން ބަލާއިރު މި 2.4 ޓްރިލިއަން ރުޕީސްއަކީ ޕަންޖާބު އަދި ސިންދު ޕްރޮވިންސުގެ އަހަރީ ބަޖެޓަށް ވުރެވެސް ބޮޑު އަދަދެކެވެ. މި މައްސަލައިގެ އަސްލަކީ، ކަރަންޓު އުފައްދާ އަމިއްލަ ކުންފުނިތަކެވެ. މި ކުންފުނިތަކަކީ ބޭރުފައިސާއިން އަގު ދައްކާނެ ކަމަށް ޕާކިސްތާން ސަރުކާރުން ޔަގީންކަން ދީފައިވާ ބައެކެވެ. އަދި 1990 ގެ އަހަރުތަކުން ފެށިގެން ވަނީ މި ކުންފުނިތަކަށް ބޭރު ފައިސާއިން ފައިދާ ލިބޭނެކަމަށް ގެރެންޓީ ދީފައި އެއްބަސްވުންތައް ހަދާފައެވެ.
މި ކުންފުނިތަކާ ހެދި ދިމާވި މައްސަލަތައް ތަރުކާރުން ތަހުގީގު ކުރިއެވެ. އަދި އެ ތަޙްޤީޤަކުން ހާމަވި ގޮތުގައި އަމިއްލަ ކަރަންޓު ކުންފުނިތަކުން ވަނީ 1,000 ބިލިއަން ރުޕީސްގެ އިތުރު ފައިދާއެއް ލިބިފައެވެ. ނަމަވެސް، މި ފައިސާ އަނބުރާ ނެގުމުގެ ބަދަލުގައި، ސަރުކާރުން ވަނީ މި ބުރަ ރައްޔިތުންގެ ބޮލުގައި އެޅުވުމަށް ވެސް ނިންމާފައެވެ. މީގެ ސަބަބުން ކަރަންޓު އުފައްދާ އަމިއްލަ ކުންފުނިތައް ޑިފޯލްޓް ވުމުގެ ރިސްކެއް ނުއޮވެއެވެ. އަދި މިގޮތަށް ކަންކަން ހަމަޖެހިފަައި އޮތުމުން މަހަކު 40,000 ރުޕީސް ހޯދާ ފިހާރަވެރިއަކު ކުރިއަށް ވުރެން އިތުރަށް 1,130 ރުޕީސް ދައްކަންޖެހެއެވެ. މިއީ ސިޔާސަތުގެ ގޯސްކަމުގެ ސަބަބުން އުފެދުނު ދަރަންޏެއް ދެއްކުމަށް އެމީހާގެ ތިން ދުވަހުގެ މަސައްކަތުގެ އާމްދަނީއަށްވުރެވެސް ބޮޑު އަދަދެއް ކަމަށްވެސް ސަރުކާރުން ކުރިއަށް ގެންދިޔަ ތަހުގީގުން ދައްކައެވެ.
އޭގެ އިތުރުން މާލީ ގޮތުން ބައެއް ކަންކަން ސަރުކާރުން އެއްގޮތް ކޮށްލުމުންވެސް ފަޤީރުކަން އިތުރަށް ގޯސްވެފައިވެއެވެ. އަދި ނުސީދާކޮށް ރައްޔިތުންގެ ބޮލުގައި ޓެކްސް އަޅުވައިގެން ޓެކްސް ބޮޑުކުރުމުގެ ސަބަބުން ފަގީރުންނަށް އަސަރުކޮށްފައި ވެއެވެ.
ހަމައެފަދައިން ޕަބްލިކް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޕީއެސްޑީޕީ) ގެ ހަރަދު ކުޑަކުރުމުގެ ސަބަބުން މަސައްކަތުގެ ފުރުޞަތުތައް ވެސް ވަނީ މަދުވެފައެވެ.
ބެނަޒީރު އިންކަމް ސަޕޯޓް ޕްރޮގްރާމް (ބީއައިއެސްޕީ) ގެ އެހީ ދަށުން ފަގީރުންނަށް ލިބޭ ފައިސާގެ އަދަދު %50 އަށް އިތުރުކުރި ނަމަވެސް، ގައުމަށް ކުރިމަތިވެފައިވާ %52.6 ގެ އިންފްލޭޝަނާ ގުޅިގެން އެ އެހީ ނުލިބޭ އެއްޗެއް ކަމުގައި ވެގެން ގޮސްފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން، މި ޕްރޮގްރާމްގެ ހަޤީޤީ ފައިސާ ފަގީރު ގޭބިސީތަކަށް ނުލިބި ދިޔައީއެވެ.
ފަޤީރުކަން އިތުރުވުމަށް ދިމާވެފައިވާ އަނެއް މައްސަލައަކީ ގުދުރަތީ ކާރިޘާތައް ގިނަ ވުމެވެ. ޚާއްޞަކޮށް ބަލޮޗިސްތާން، ޚައިބަރު ޕަޚްތޫންޚުވާ އަދި ސިންދު ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފަގީރުންނަށް އަސަރުކޮށްފައި ވެއެވެ. އަދި، ޕާކިސްތާންގެ 11.8 މިލިއަން މީހުންނަށް ކާނާ ލިބުމުގެ ދަތިކަން ކުރިމަތިވާނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން 2.2 މިލިއަން މީހުން ވަނީ ކާނާގެ އެންމެ ނާޒުކު ހާލަތުގައި ކަމަށްވެސް ވެއެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދަނޑުވެރިކަމާއި ގެރިބަކަރި ގެންގުޅުން ވަނީ މަދުވެފައެވެ. ޖަނަވާރުތަކުގެ ކާނާ ލިބުމުގެ ދަތިކަމާއި ބަލިތަކުގެ ސަބަބުން ގެރިބަކަރި ގިނައަދަދަކަށް މަރުވެފައިވެއެވެ. މިއީ ފަގީރުންނަށް އާމްދަނީ ހޯދުމަށް މުހިންމު ވަސީލަތެކެވެ. މީގެ އިތުރުން ފައިސާގެ އަގު ދަށްވުމާއި، އުފެއްދުންތެރިކަމުގެ ހަރަދު ބޮޑުވުމާއި، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ކާނާގެ އަގު އިންތިހާއަށް މަތިވެ، ތަކެތި ގަތުމުގެ ބާރު ވަނީ ކުޑަވެފައެވެ.
މި އިޤްތިޞާދީ ނާޒުކު ހާލަތުގެ ތެރޭގައި ޕާކިސްތާނުގެ ރުޕީސް ބޭރު ފައިސާއާ ގުޅުވައިގެން ހިފެހެއްޓުމަށް މަސައްކަތް ކުރާތީ، ބަލާ ބެލުމަށް ފައިސާގެ އަގުތައް ހިފެހެއްޓިފައިވާ ކަމަށް ދައްކައެވެ. ނަމަވެސް އެއީ ހަގީގަތާ ޚިލާފް މަންޒަރެކެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރާ ހަމައަށްއެމެރިކާ ޑޮލަރެއްގެ ނިސްބަތުން ޕާކިސްތާން ރުޕީސް ގެ އަގު ހުރީ 282.01 ގައެވެ. އައިއެމްއެފްއާއެކު ހަދާފައިވާ އެއްބަސްވުންތަކާއެކު އައިއެމްއެފްއިން ލިބޭ ފައިސާއިން ޕާކިސްތާން މި ވަގުތަށް ހިންދެމިލާނެއެވެ.އަދި މިހާރު ޕާކިސްތާނުން ވަނީ ކުރިއާ ޚިލާފަށް ޓެކްސް ނެގުންވެސް ސައްތަ އިން ސައްތައަށް އިތުރު ކުރުމަށްވެސް ނިންމާފައެވެ. މިއީވެސް ހެޔޮ ފާލެކެވެ.





