ޕާކިސްތާނުގައި މަޖުބޫރުކޮށް ގެއްލުވާލާ މައްސަލަތައް އިތުރުވެއްޖެ

މަޖުބޫރުކޮށް ނިޒާމުން މީހުން ގެއްލުވާލާފައިވާ މީހުންގެ މަތިން ހަނދާން ކުރާ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން، އެމްނެސްޓީ އިންޓަނޭޝަނަލް އާއި އަށް އިންސާނީ ހައްޤުތަކުގެ ޖަމްއިއްޔާތަކުން ވަނީ ޕާކިސްތާނުގެ ނިޒާމުން މީހުން ގެއްލުމުގެ ނުރައްކާތެރި ހާލަތުގެ މައްޗަށް ރިޕޯޓެއް ނެރެފައެވެ. މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި ޢަމަލުތައް މިހާރު ޕާކިސްތާނުގެ ދައުލަތުގެ ނިޒާމުގެ ބަޔަކަށް ވަނީ ވެފައެވެ. އެމްނެސްޓީން ބުނެފައިވަނީ މިފަދަ މައްސަލަތަކަށް ޙައްލެއް ނުލިބި، ޖަވާބުދާރީކުރުވުމުގެ ނިޒާމެއް ނެތުމަކީ ބޮޑު ވާން ޖެހޭ ކަމެއް ކަމަށެވެ.

މިދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ތަޙުޤީޤުތައް ހިންގައި، މަސައްކަތްތަކެއް ކޮށްފައި އޮތް ނަމަވެސް، ޕާކިސްތާނުގެ ސަރުކާރުގެ ކޮމިޝަން އޮފް އިންކުއަރީ އޮން އެންފޯސްޑް ޑިސަޕިއަރެންސަސް (ކޮއިޑް) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން މިހާތަނަށް މީހުން ގެއްލުމުގެ 10,636 މައްސަލަ ރަޖިސްޓްރީ ކޮށްފައި ވެއެވެ. އޭގެ ތެރެއިން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރާ ހަމައަށް 1,650 މައްސަލަ އަދިވެސް ނުނިމި އެބަ އޮތެވެ. އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިމައްސަލަތަކުގެ ތެރޭން ޙައްލުކުރެވުނު ކަމަށް ބުނާ ގިނަ މައްސަލަތަކަކީ ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުމުގެ މައްސަލަތައް ނޫނީ މަރުގެ ހާދިސާތައް ކަމަށް ވިޔަސް، އެއްވެސް އިރެއްގައި އެފަދަ މައްސަލަތަކަށް އިންޞާފެއް ލިބިފައެއް ނުވެއެވެ.

އެމްނެސްޓީގެ ރިޕޯޓުން ދައްކަނީ މި ޢަމަލުތައް ހިންގާ ފަރާތްތައް ޤާނޫނީ ގޮތުން ރައްކާތެރިކަން ލިބިފައިވާ މަންޒަރެކެވެ. ގެއްލުވާލާފައިވާ މީހުން ގިނަ ފަހަރަށް ލޭބަލް ކޮށްފައި ވަނީ “ދައުލަތާ ދެކޮޅު ބައެއް” ގެ ގޮތުގައެވެ. އަދި އެކަމުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ޢާއިލާތަކަށް ބިރުދެއްކުމާއި، އެމީހުންނަށް ފާރަލުމުގެ ޢަމަލުތައް ކުރިއަށދާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ޚާއްޞަކޮށް ބަލޫޗިސްތާނުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މީހުން ގެއްލުމުގެ 546 އާ މައްސަލަ ރެކޯޑް ކުރެވުނު ކަމަށވެސް ބުނެފައި ވެއެވެ.

ނިޒާމުން މީހުން ގެއްލުމާ ދެކޮޅަށް ބަލޫޗިސްތާންގައި އަންހެނުން އިސްވެ ތިބެގެން ހިނގަމުންދާ ޙަރަކާތްތަކަކީ މި ކަމާ ދެކޮޅަށް ސާބިތުވެ ތިބި ކަމުގެ ރަމްޒެއް ކަމުގައި ބުނެފައި ވެއެވެ. ގެއްލުވާލާފައިވާ މީހުންގެ މައިންނާއި، އަނބިން ވެގެން އެކުަލޥާލާފައިވާ ޖަމްޢިއްޔާ “ވޮއިސް ފޯ ބަލޫޗް މިސިންގ ޕަރސަންސް” މި ކަމަށް ހައްލަށް ގޮވާލަމުންދާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއާއި އެ ޖަމާއަތާ ގުޅިފައިވާ ކޯލިޝަނުން ގޮވާލަނީ ޕާކިސްތާނުން މިކަމަށް އަވަސް އިސްލާޙްތަކަށެވެ. އަދި މިކަން ހިންގާ ފަރާތްތަކަށް ލިބިފައިވާ ޤާނޫނީ ހިމާޔަތް ނައްތާލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ދައުވާ  އުފުލައި ޝަރީޢަތްކުރުމަށް ގޮވާލާފައި ވެއެވެ.

މިރިޕޯޓުގައި އިންޒާރު ދެނީ އިންޞާފު ލިބުން ލަސްވުމަކީ ބިރުވެރިކަމުގެ ސަގާފަތެއް ދަމަހައްޓައި ޕާކިސްތާނުގެ ޑިމޮކްރެޓިކް އިތުބާރު ކަނޑުވާލާނެ ކަމެއް ކަމަށެވެ.  

ހިއްސާ ކުރައްވާ!