ގަވާއިދާ ޚިލާފަށް އުޅޭ އަފްޣާނިސްތާނުގެ ރައްޔިތުން ދެނެގަތުމަށް މިސްކިތްތަކުގައި އިޢުލާން ކުރުމަށް އަމުރުކޮށްފި

ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ އަފްޣާނިސްތާނުގެ ރައްޔިތުން ދެނެގަތުމަށް، މިސްކިތްތަކުގައި އިޢުލާން ކުރުމަށް ޕަންޖާބުގެ ޗީފް މިނިސްޓަރު މަރްޔަމް ނަވާޒް އަމުރު ކުރައްވައިފިއެވެ. އޭނާ މިކަމަށް އަމުރު ކުރެއްވީ ޕަންޖާބްގެ ސަލާމަތާ ބެހޭ ގޮތުން ބެއްވި ބައްދަލު ވުމެއްގައެވެ.

މި ބައްދަލުވުމުގައި އަފްޣާނިސްތާނުގެ ރައްޔިތުންނާ އެހެނިހެން ބިދޭސީންނަށް ގަވާއިދާ ޚިލާފަށް މުދާ ކުއްޔަށް ދޭ ފަރާތްތަކާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހެޅުމަށްވެސް އަންގާފައި ވެއެވެ. އަދި ގެ، ފިހާރަ، ފެކްޓަރީ، ހޮޓާ ނުވަތަ ޕެޓްރޯލް ޕަމްޕް ފަދަ ތަންތަން ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި އަފްޣާން މީހުންނަށް ކުއްޔަށް ދޭކަން އެނގޭނަމަ އެކަމާ ގުޅޭ ރިޕޯޓު ހުށަހެޅުމަށް ވެސް ވަނީ އެދިފައެވެ. މިފަދަ މުދާ ބިދޭސީންނަށް ދީފައިވާކަން ރިޕޯޓުކުރުމުގެ ޒިންމާ ފުލުހުންނާ ހަވާލުކޮށްފައި ވެއެވެ.

ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންނާ ގުޅޭގޮތުން ހުރިހާ ދާއިރާތަކެއް ހިމެނޭހެން ސަރވޭއެއް ހިންގުމަށް ވެސް މި ބައްދަލުވުމުގައި ޗީފް މިނިސްޓަރު ވަނީ ނިންމަވާފައެވެ. ވިޒިޓް ވިސާގައި ނުވަތަ ގަވާއިދާ ޚިލާފަށް ޕާކިސްތާނަށް ވަދެ ވަޒީފާ އަދާކުރާ ބިދޭސީންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ޕާކސިްތާނު ސަރުކާރުން އިސްކަން ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. ޕާކިސްތާން ސަރުކާރުން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ އަފްޣާނިސްތާނުގެ ރައްޔިތުން ދެނެގަތުމަށް އެންމެ ފަހުގެ މޫނު ދެނެގަތުމުގެ ޓެކްނޮލޮޖީ މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށްވެސް ބުނެފައެވެ.

މި ބައްދަލުވުމުގައި މައުލޫމާތު ދިން ގޮތުގައި ގަވާއިދާ ޚިލާފަށް އުޅޭ އަފްޣާނިސްތާނުގެ ރައްޔިތުންނަށް މުދާ ކުއްޔަށް ދިނުމާ ގުޅިގެން މިހާތަނަށް 5 މައްސަލައެއް ހުށަހެޅުނު ކަމަށްވެސް ބުންޏެވެ.

ޕަންޖާބް ގައި ގަވާއިދާ ޚިލާފަށް އުޅޭ އަފްޣާނިސްތާނުގެ ރައްޔިތުން ބަންދުކުރުމަށް ޚާއްޞަ 45 ޖަލެއް މިހާރު ޤާއިމުކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!