ތާލިބާނާ އެކު ދިމާވާ ހަމަނުޖެހުންތަކާ އެކު އެތެރޭގެ ހަމަނުޖެހުންތައް އިތުރުވަނީ

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރާއެކު ބޯޑަރުގައި ހިނގާ ހަމަނުޖެހުންތަކަށް ދުނިޔޭގެ ސަމާލުކަން ލިބިފައި ވިނަމަވެސް، ޕާކިސްތާނަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ އެތެރޭގެ މައްސަލަތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ. ފާއިތުވި މަސްތަކުގައި ގިލްގިޓު ބަލްޓިސްތާން، އަދި ޕާކިސްތާނުގެ ދަށުގައިވާ ކަޝްމީރު އަދި ޚައިބަރު ޕަޚްތޫންޚުވާގައި ވަނީ މުޒާހަރާތައް ކޮށްފައެވެ. މި މުޒާހަރާތައް ކޮށްފައި ވަނީ ޓެކްސްގެ ފައިސާއާއި، އެ ތަންތާނގެ ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމާއި ސިފައިންގެ ނުފޫޒާ ހެދި އާންމުންނަށް އުދަގޫ ވުމުގެ ޝަކުވާތަކާ ގުޅިގެންނެވެ.

ގިލްގިތު ބަލްޓިސްތާނުގައި މަރުކަޒީ ސަރުކާރުން ޓެކްސްތައް ނެގުމަށް ކުރި މަސައްކަތާ ގުޅިގެން ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ) ވަނީ ދެ މަސް ދުވަހަށް ބަންދުކުރިއެވެ. މިއީ ޗައިނާގެ ފަތުރުވެރިންނަށް ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ކުރިމަތިވެގެން ދިޔަ ކަމެކެވެ. އަދި ވިޔަފާރި ހުއްޓުމަކަށް އައި ކަމެކެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެފައިވާ މިންވަރު ދައްކުވައިދިން ކަމެކެވެ.

ޕާކިސްތާނުގެ ދަށުގައިވާ ކަޝްމީރުގައި، ބޮޑެތި ހައިޑްރޯޕަވަރ ޕްރޮޖެކްޓްތައް ހިންގަމުންދިޔަ ނަމަވެސް، ކަރަންޓު ކެނޑުމާއި ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން ރައްޔިތުން ވަނީ މުޒާހަރާ ކޮށްފައެވެ. ސަލާމަތީ ބާރުތަކާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި 10 މީހުން މަރުވެފައިވެއެވެ. މިއީ ސަރަހައްދީ ވަސީލަތްތަކުގެ ފައިދާ އެ ސަރަހައްދުގެ ރައްޔިތުންނަށް ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޚޅެއްގައި ހިނގާފައިވާ ހަމަނުޖެހުމެވެ.

ޚައިބަރު ޕަޚްތޫންޚުވާގައި، ސިފައިންގެ ވައިގެ ހަމަލާތަކުގައި އާންމުން މަރުވިކަމުގެ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. މިކަމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި، އެ ސަރަހައްދުގެ ސިޔާސީ ބައެއް ވެރިން ވަނީ ސިފައިންނަށް ސީދާ ބަހުގެ ހަމަލާތައް ދީފައެވެ. މި ހާދިސާތަކުން ދައްކުވައިދެނީ ސިޔާސީ ހައްގުތަކާއި އިގްތިސާދީ އިންސާފާ މެދު މީހުންގެ މެދުގައި އޮތް ނުތަނަވަސްކަމެވެ.

އިސްލާމްއާބާދުން ދަނީ ޕާކިސްތާންގެ ފެޑަރަލް ނިޒާމާ ޚިލާފަށް މަރުކަޒީކުރުމަށް މަސައްކަތް ކުރަމުން ކަމަށް މީހުން ތުހުމަތުި ކުރެއެވެ. އަދި ސަރަހައްދުތަކުގެ މެދުގައި ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. މިކަމުން ދައްކުވައިދެނީ ޕާކިސްތާނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައދު ނޫން ކަމަށެވެ. ނަމަވެސް ޕާކިސްތާނުގެ އެތެރޭގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްތަކެއް މުހިންމުކަން ހާމަވެއެވެ.

ހިއްސާ ކުރައްވާ!