ޕާކިސްތާނުން ގާނޫނުއަސާސީ އިސްލާހުކޮށް މިނިވަންކަން ހަނިކޮށްލަނީ

ޕާކިސްތާނުގެ މަރުކަޒީ ސަރުކާރުން ޤާނޫނުއަސާސީގެ 27 ވަނަ މައްދާއެއް އިސްލާޙު ހުށަހެޅުމަށް ދިރާސާ ފަށައި ތާއީދު ހޯދުމުގެމަސައްކަތް ފަށައިފިއެވެ. މިކަމާ ގުޅިގެން މުޅި ސިޔާސީ މައިދާނުގައި ބޮޑު ހާސްކަމެއް ވަނީ އުފެދިފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި އިސްލާޙަކީ ސަރަހައްދުތަކަށް އަސާސީން ކަށަވަރުކޮށްދޭ ޒާތީ މިނިވަންކަމާއި ބާރުތައް ކަނޑައަޅާ މުހިންމު 18 ވަނަ އިސްލާޙު ބާތިލުކޮށް، މަރުކަޒީ ސަރުކާރަށް އަލުން ބާރުތައް މަހާލުމުގެ މަސައްކަތެކެވެ. މި އިސްލާޙުގެ ސަބަބުން ޤައުމުގެ ޢަދުލު އިންސާފާއި އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް ސަރުކާރުގެ ކޮންޓްރޯލު ވަރުގަދަ ވާނެއެވެ.

މި ހަފްތާގައި ހާމަކުރި މި އިސްލާޙުގެ ދޭދޭ މާއްދާތަކުގެ ތެރޭގައި:

  • ޤާނޫނުއަސާސީއާ ގުޅޭ މައްސަލަތައް ބެލުމަށް ޚާއްސަ ފެޑެރަލް ކޮންސްޓިޓިއުޝަނަލް ކޯޓެއް އުފެއްދުމާއި،
  • އިދާރީ މުވައްޒަފުންނަށް ފުލުހުންގެ ބާރުތައް ދިނުމަށް އިދާރީ ކޯޓެއް ހެދުން ހިމެނޭ
  • ހައިކޯޓުތަކުގެ ފަނޑިޔާރުން ޕްރޮވިންސްތަކަސް ބަދަލުކުރުމާއި،
  • އަސްކަރީ ޚިދުމަތުގެ އިސްވެރިން ހޮވުމުގެ އުސޫލުތައް ބަދަލުކުރުމަށް މާއްދާ 243 އަށް ބަދަލުތަކެއް ގެނައުން ހިމެނޭ
  • ތަޢުލީމާއި އާބާދީ ބެލެހެއްޓުމުގެ ބާރު ޕްރޮވިންސްތަކުން ނިގުޅައި ގަނެ އަލުން މަރުކަޒީ ސަރުކާރަށް ބަދަލުކުރުން ހިމެނޭ.

މި އިސްލާޙުގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވާ އެއް ކަމަކީ ޕްރޮވިންސްތަކަށް މަރުކަޒީ ސަރުކާރުންދޭ އާމްދަނީގެ ކަނޑައެޅިފައިވާ ބައެއް ލިބުން ކަށަވަރުކޮށްދޭ ނޭޝަނަލް ފައިނޭންސް ކޮމިޝަން (އެންއެފްސީ) ގެ ޤާނޫނީ ހައިސިއްޔަތާއި ހިމާޔަތް ނެތިކޮށްލުން ކަމަށް އިޤްތިޞާދީ މާހިރުން ބުނެއެވެ.

މާހިރުން އިންޒާރުދޭ ގޮތުގައި ޕްރޮވިންސްތަކަށް ލިބޭ ފައިސާ ކުޑަވެއްޖެނަމަ، ޚައިބަރ ޕަޚްތޫންޚްވާ އާއި ބަލޫޗިސްތާނު ފަދަ ކުދި ޕްރޮވިންސްތަކުގެ ޞިއްޙީ، ތަޢުލީމީ އަދި އިޖްތިމާޢީ ޚިދުމަތްތަކަށް ބުރޫ އަރާނެއެވެ.

މަރުުކަޒީ ސަރުކާރުން އާމްދަނީ އިތުރުކުރަން މަސައްކަތް ކުރި ނަމަވެސް، ޓެކްސްއެއް ކުޑައެއް ނުކުރެއެވެ.

ސިޔާސީ ގޮތުން ބަލާއިރު، މި އިސްލާޙަކީ ސިންދު ޕްރޮވިންސްގައި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އަށް އޮތް ތާއީދު ކުޑަވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. ސިންދުގައި ޕްރޮވިންސްގެ މިނިވަންކަމަކީ އެންމެ މުހިންމު އެއް އެދުން ވާއިރު، ޕީޕީޕީގެ އިސް ލީޑަރަކު ވަނީ މި ޕްލޭނަކީ ގާނޫނުއަސާސީގެ "18 ވަނަ އިސްލާޙު މުޅިން ބާތިލުކުރުން" ކަމަށް ސިފަކޮށްފައެވެ. ސިވިލް ސޮސައިޓީގެ ޖަމާޢަތްތަކާއި، ވަކީލުން، އަދި ޕްރޮވިންސްތަކުގެ ހައްގަށް މަސައްކަތްކުރާ ފަރާތްތަކުން ވެސް މި ބަދަލުތަކަށް ދެކޮޅު ހަދާނެ ކަމަށް ލަފާކުރެވެއެވެ. ޤާނޫނީ މާހިރުން ބުނާ ގޮތުގައި އިދާރީ ކޯޓު އަލުން އުފެއްދުމާއި، ޢަދުލު އިންސާފުގެ ބާރުތައް ކުޑަކުރުމަކީ ޢަދުލު އިންސާފުގެ މިނިވަންކަން ހިގުޅައިގަނެ ބާރުތައް މަރުކަޒީކުރުމުގެ މަސައްކަތެއްގެ ގޮތުގައި ބެލިދާނެއެވެ.

ސަރުކާރުން ބުނަނީ މި އިސްލާޙުތައް ގެނައުމަކީ މަރުކަޒީ ސަރުކާރުގެ ޚަރަދުތައް މެނޭޖުކޮށް، ވެރިކަން ހިންގުން ހަރުދަނާކުރުމަށްޓަކައި މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް، ފާޑުކިޔުންތެރިން އިންޒާރުދެނީ މި އިސްލާޙުގެ ސަބަބުން ސިޔާސީ ބައިބައިވުން އިތުރުވެ، ސިންދުގައި ގައުމިއްޔަތުގެ އިޙްސާސްތައް ވަރުގަދަވެ، ޕާކިސްތާނުގެ މަރުކަޒީ ހިންގުމުގެ ނިޒާމުގެ ހަމަޖެހުން ނާޒުކުވެގެން ދިއުމުގެ ނުރައްކާ އެބައޮތް ކަމަށެވެ. މިހާެރުވެސް ޕާކސްތާންގައި ބައިބައި ވުމުގެ ހަރަކާތްތައް އާލާވެ އެފަދަ ރޫހު އިތުރު ވެއެވެ.

ހިއްސާ ކުރައްވާ!