ޔޫކްރޭނުގެ ހަކަތައިގެ ދާއިރާއާ ގުޅުންހުރި 100 މިލިއަން ޑޮލަރުގެ ބޮޑު ކޮރަޕްޝަން މައްސަލައެއްގައި ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ގާތް ފަރާތްތަކަށް ތުހުމަތު ކުރެވުމާ ގުޅިގެން، އެ ޤައުމުގެ ޢަދުލު އިންސާފުގެ ވަޒީރު ޖަރމަން ގަލުޝްޗެންކޯ ބުދަ ދުވަހު މަޤާމުން ވަކިކޮށްފިއެވެ. މި މައްސަލައަކީ ޔޫކްރޭނުގެ ސަރުކާރުގެ އިސް ފަރާތްތަކެއް ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
ނޭޝަނަލް އެންޓިކޮރަޕްޝަން ބިއުރޯ (ނާބޫ) އާއި ޚާއްޞަ އެންޓި ކޮރަޕްޝަން ޕްރޮސެކިއުޓަރސް އޮފީސް (ސާޕޯ) އިން ބުނެފައިވަނީ، މި މައްސަލައަކީ "މަތީ ފެންވަރުގެ ޖިނާއީ ޖަރީމާތަކެއް" ކަމަށާއި، މިހާރު މަޤާމުގައި ތިއްބެވި އަދި ކުރިން މަޤާމުގައި ތިއްބެވި ސަރުކާރުގެ އިސް ބޭފުޅުންނާއި ވިޔަފާރިވެރިން މިކަމުގައި ޝާމިލުވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށް، ހަތް މީހެއްގެ މައްޗަށް ތުހުމަތުކޮށްފައިވާ ކަމަށް އެ އިދާރާތަކުން ބުނެއެވެ.
މަސްއޫލުވެރިން ތުހުމަތުކުރާ ގޮތުގައި، މި ފަރާތްތަކުން ވަނީ ދައުލަތުގެ ހަކަތަ ކުންފުނި ކަމަށްވާ އެނަރްޖޯއެޓޮމް މެދުވެރިކޮށް ރިޝްވަތު ނެގުމާއި ފައިސާ ދޮވުމުގެ ޢަމަލުތައް ހިންގާފައެވެ. ވަޒީރު ގަލުޝްޗެންކޯ މަޤާމުން ވަކިކުރީ، ތަހުޤީޤުކުރާ ފަރާތްތަކުން މިކަމުގައި ޒެލެންސްކީގެ ގާތް ބައިވެރިއަކާ އަދި "ޗެ ގުއެވޭރާ"ގެ ނަމުން މަޝްހޫރު ކުރީގެ ނައިބު ބޮޑުވަޒީރަކާ ގުޅުވާލިތާ އެއް ދުވަސް ފަހުންނެވެ.
މި ކޮރަޕްޝަންގެ މައްސަލަ ފެންމަތިވުމަކީ ޢާންމުންގެ ނުރުހުން އިތުރުވެފއިވާ ކަމެކެވެ. ހާއްސަކޮށް ރަޝިޔާއިން ޔޫކްރޭނުގެ ހަކަތައުިގެ ދާއިރާއަށް ދެމުންދާ ހަމަލާތަކާއެކު މިފަދަ މައްސަލައެއް ފެންމަތިވުމަކީ ހުޅަނގުގެ ޤައުމުތަކުން ޔޫކްރޭނަށް މިހާރު ދެމުންދާ އެހީތެރިކަން ދެމެހެއްޓުމަށް ކުރިމަތިވެދާނެ ގޮންޖެހުމެކެވެ.




