ރަޝިޔާއާއި ޔުކްރޭންގެ ކުއްލި ނުރައްކަލުގެ އެލާޓް ނިޒާމުތަކަށް ސައިބަރ ހަމަލާތަކެއްދީ، ނިއުކްލިއަރ އިންޒާރުތަކެއް ފަތުރައިފި

ރަޝިޔާއާއި ޔުކްރޭންގެ ސަރުކާރުން ބޭނުންކުރާ ކުއްލި ނުރައްކަލުގެ އެލާޓް ނިޒާމުތަކަށް ސައިބަރ ހަމަލާތަކެއްދީ، ދެ ޤައުމުގެ އާންމު ރައްޔިތުންގެ ފޯނުތަކަށް ނިއުކްލިއަރ އަދި ކެމިކަލް ހަމަލާތަކެއް އަތުވެދާނެކަމުގެ ދޮގު އިންޒާރުތަކެއް ފޮނުވައިފިއެވެ. ރޭގަނޑުގެ ވަގުތެއްގައި ދިން މި ވަރުގަދަ ސައިބަރ އޮޕަރޭޝަނާއެކު ދެ ޤައުމުގެ މަސްރަހު ހޫނުވެގެންދިޔައެވެ.

ޔުކްރޭނުގައި އާންމުކޮށް ބޭނުންކުރާ "އެއަރ އެލާޓް" އެޕްލިކޭޝަން މެދުވެރިކޮށް މިލިއަނަކަށްވުރެ ގިނަ އާންމުންނަށް ފޮނުވި މެސެޖުތަކުގައި ނިއުކްލިއަރ ނުރައްކަލާއި، ކެމިކަލް ހަތިޔާރުގެ ނުރައްކާ އަދި ވެރިރަށް ކިއޭވްގެ މަގުތަކުގައި ކުރިމަތިލުންތައް ހިނގަމުންދާ ކަމަށް ބުނެފައިވެއެވެ. ޔުކްރޭންގެ ވައިގެ ސިފައިންގެ ތަރުޖަމާނު ޔޫރީ އިގްނާތު ވަނީ އެޕްލިކޭޝަނަށް ބޭރުގެ ހަނގުރާމަވެރި ފަރާތްތަކަކުން ވަދެގެން އުޅޭކަން ކަށަވަރުކޮށްދެއްވާފައެވެ. މި ހަމަލާގެ ފަހަތުގައިވަނީ ރަޝިޔާގެ ހެކަރުން ކަމަށް ޔުކްރޭންގެ ސިފައިންނާއި ސްޓްރެޓެޖިކް ކޮމިއުނިކޭޝަން ސެންޓަރުން ވަނީ ތުހުމަތުކޮށްފައެވެ.

މި ހާދިސާ ހިނގިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި، ރަޝިޔާގެ ކުއްލި ހާލަތްތަކާ ބެހޭ ވުޒާރާއިންވެސް ވަނީ އެ ޤައުމުގެ ކުއްލި އެލާޓް ނިޒާމަށް ބޮޑު ސައިބަރ ހަމަލާއެއް އަމާޒުވިކަން ހާމަކޮށްފައެވެ. ރަޝިޔާގެ ބެލްގޮރޮޑް ސަރަހައްދުގެ އާންމުންނަށް ފޮނުވި މެސެޖުތަކުގައި، ރަޝިޔާގެ އެކި ސަރަހައްދުތަކަށް ނިއުކްލިއަރ މިސައިލްތަކެއް އަމާޒުވެފައިވާ ކަމަށާއި، ތިން ހަފުތާގެ ކާބޯތަކެތި ރައްކާކުރުމަށް ވަނީ އަންގާފައެވެ.

ޔުކްރޭންގެ "އެއަރ އެލާޓް" އެޕްލިކޭޝަނަކީ ރަޝިޔާއަށް ދޭ މިސައިލާއި ޑްރޯން ހަމަލާތަކުން ރައްކާތެރިވުމަށް 46 މިލިއަނަށްވުރެ ގިނަ ފަހަރު ޑައުންލޯޑުކޮށްފައިވާ، އަދި ދުވާލަކު 6.7 މިލިއަން މީހުން ބޭނުންކުރާ މުހިންމު ނިޒާމެކެވެ. އެޕްލިކޭޝަން އުފެއްދި އަޖެކްސް ސިސްޓމްސްއިން ވަނީ ވަގުތީގޮތުން ނޮޓިފިކޭޝަންތައް މެދުކަނޑާލުމަށްފަހު، ހޯމަ ދުވަހު އަލުން ޚިދުމަތް އާންމު ހާލަތަށް ގެނެސްފައެވެ.

ޔުކްރެއިންގެ ސައިބަރ ހަމަލާގެ ޒިންމާ ރަޝިޔާއަށް ތާއީދުކުރާ "ހިޓްކޯރ" ނަމަކަށް ކިޔާ ގްރޫޕަކުން ނަގާފައިވާއިރު، ރަޝިޔާގެ ނިޒާމަށް ދިން ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުމާއެކު ސައިބަރ ނުރައްކާތައް އިތުރުވަމުންދާ ކަމަށާއި، މޮސްކޯއިން އެކަމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

ދެ ޤައުމުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ މައިދާން މިހާރު ވަނީ ޑިޖިޓަލް އަދި ސައިބަރ މައިދާނަށް ވަރަށް ބޮޑަށް ފުޅާވެފައެވެ. ސިފައިންގެ އިތުރުން ސައިބަރ ޖަމާއަތްތަކުން ދޭ މިފަދަ ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، އިގްތިސާދީ އަދި އިޖުތިމާއީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތައް އަންނަނީ ކުރިމަތިވަމުންނެވެ.

ހިއްސާ ކުރައްވާ!