އަނިޔާކުރުން ހުއްޓުވުމާ ބެހޭ މުއާހަދާއިން ވަކިވެ، ޖަލުތައް މޮނީޓަރުކުރުމުގެ ފުރުސަތު ބަންދުކޮށްފި

ރަޝިޔާގެ ޖަލުތަކާއި ފުލުހުންގެ މަރުކަޒުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ކުރާ އަނިޔާތައް މިނިވަންކަމާއެކު މޮނީޓަރުކުރުމަށް ވިލާތުގެ އިއްތިހާދުން ޤާއިމުކޮށްފައިވާ ޚާއްސަ މުއާހަދާއިން ރަޝިޔާ ރަސްމީކޮށް ވަކިވެ، އެ ޤައުމުގެ ބަންދު މަރުކަޒުތައް އިންސްޕެކްޓްކުރުމުގެ ފުރުސަތު ބައިނަލްއަގުވާމީ ފަރާތްތަކަށް ބަންދުކޮށްފިއެވެ.

ކައުންސިލް އޮފް ޔޫރަޕްގެ "ކޮންވެންޝަން ފޯ ދަ ޕްރިވެންޝަން އޮފް ޓޯޗަރ އެންޑް އިންހިއުމަން އޯ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް" އިން ރަޝިޔާ ވަކިވުމަށް އަމަލުކުރަން ފަށާފައިވަނީ ނޮވެމްބަރު 1 ވަނަ ދުވަހުއެވެ. މިއީ 30 އޮކްޓޯބަރު 2025 ގައި މޮސްކޯއިން މި މުއާހަދާ އުވާލުމަށް ނިންމައި، ކައުންސިލް އޮފް ޔޫރަޕަށް އެކަން އެންގިތާ އެއް އަހަރު ދުވަސް ފުރުނު ދުވަހެވެ.  1998 ވަނަ އަހަރުން ފެށިގެން ރަޝިޔާއިން އައީ މި މުއާހަދާގެ ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ.

ވިލާތުގެ އަނިޔާކުރުން ހުއްޓުވުމާ ބެހޭ ކޮމިޓީ (ސީ.ޕީ.ޓީ) ގެ ރައީސް އެލަން މިޗެލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރަޝިޔާ މި މުއާހަދާއިން ވަކިވުމާ ގުޅިގެން އެ ޤައުމުގައި ސީ.ޕީ.ޓީއިން ހިންގަމުންދިޔަ މޮނީޓަރިންގ މެންޑޭޓް މުޅިން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ރަޝިޔާގެ ސަރަހައްދުތަކުގައި މީހުން ބަންދުކޮށްފައި ތިބޭ އެއްވެސް ތަނެއް މިނިވަންކަމާއެކު ފާރަވެރިވެ ބެލެހެއްޓުމުގެ ފުރުސަތު އެއްކޮށް ބަންދުވެގެންގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފާއިތުވި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔުކްރޭން އާ ދެކޮޅަށް ފެށި އަސްކަރީ ހަމަލާ ތަކަށްފަހު، ރަޝިޔާގެ އޮފިޝަލުން ބަންދުމީހުންނަށް އަނިޔާކޮށް އިހާނެތިކޮށް ހިތަމުންދާ ކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދިޔަ ކަމަށް ކޮމިޓީން ބުނެއެވެ. މިފަދަ ތުހުމަތުތައް ރަޝިޔާގެ އެތެރޭގެ ޖަލުތަކުގެ އިތުރުން ޔުކްރޭންގެ ހިފާފައިވާ ސަރަހައްދުތަކުންވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް، ރަޝިޔާގެ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ ތުހުމަތުތައް ތަހުގީގުކުރުމަށް ސީ.ޕީ.ޓީއަށް ރަޝިޔާއަށް ޒިޔާރަތްކުރެވިފައެއް ނުވެއެވެ. މިއާ ޚިލާފަށް، ޔުކްރޭނުން ދަނީ އެ ޤައުމުގެ ބަންދުކުރާ މަރުކަޒުތަކަށް ވަނުމުގެ ފުރުސަތު ކޮމިޓީއަށް ދެމުންނެވެ.

ރަޝިޔާ މުއާހަދާގެ ބައިވެރިއެއްގެ ގޮތުގައި އޮތް 1998 އިން 2021 އަށް ސީ.ޕީ.ޓީއިން ވަނީ އެ ޤައުމުގެ 450 އަށްވުރެ ގިނަ ބަންދު  މަރުކަޒުތަކަށް 30 ޒިޔާރަތެއްކޮށްފައެވެ. ނަމަވެސް، މުއާހަދާގެ ބައިވެރިންގެ ތެރެއިން ކޮމިޓީގެ އިންސްޕެކްޝަން ރިޕޯޓުތައް އާންމުކުރުމަށް ދެކޮޅުހެދި ހަމައެކަނި ޤައުމަކީ ރަޝިޔާއެވެ. އެގޮތުން، ޗެޗްނިއާއާއި އުތުރު ކޯކަސަސް ސަރަހައްދުގައި ހިންގި 10 އިންސްޕެކްޝަނެއްގެ ރިޕޯޓު އާންމުކުރުމުގެ ހުއްދަ ރަޝިޔާއިން ދީފައެއް ނުވެއެވެ.

ސީ.ޕީ.ޓީގެ މޮނީޓަރިންގ އޮނިގަނޑުގެ ތެރޭގައި ޖަލުތަކާއި، ފުލުހުންގެ މަރުކަޒުތަކާއި، އިމިގްރޭޝަން ބަންދުކުރާ ތަންތަނާއި، ކުޑަކުދިންގެ އިސްލާހިއްޔާތަކާއި، ނަފްސާނީ ހޮސްޕިޓަލްތައް ހިމެނެއެވެ. ރަޝިޔާއިން 2022 ގައި ޔުކްރޭނަށް ދިން ހަމަލާތަކާ ގުޅިގެން ކައުންސިލް އޮފް ޔޫރަޕުން އެ ޤައުމު ވަކިކޮށްފައިވާއިރު، ސީ.ޕީ.ޓީއިން ދަނީ އިއްތިހާދުގެ ބާކީ 46 ޤައުމުގައި މިނިވަންކަމާއެކު މަސައްކަތްކުރަމުންނެވެ.

ހިއްސާ ކުރައްވާ!