ޕާކިސްތާނުން ބޭނުންވި ފަތުވާ އަފްޣާނިސްތާނުން ނުދިން

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ދޯހާ އާއި އިސްތަންބޫލްގައި ބޭއްވި ސުލްޙައިގެ މަޝްވަރާތައް ވަނީ ނާކާމިޔާބުވެފައެވެ. އެއަށް ފަހު ޕާކިސްތާނުން ވަނީ އެގައުމުގެ ޓެރަރިސްޓް ޖަމާއަތް ކަމަށްވާ ތަހުރީކޭ ތާލިބާނޭ ޕާކިސްތާން (ޓީޓީޕީ) އާ ދެކޮޅަށް ޠާލިބާނުގެ ލީޑަރުން ފަތުވާއެއް ނެރެދިނުމަށް އެދިފައެވެ.

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ބުނެފައިވަނީ މިފަދަ ދީނީ ޙުކުމްތައް ނެރެވޭނެ ފަރާތަކީ ހަމައެކަނި އަފްޣާނިސްތާންގެ ދާރުލް އިފްތާ އިން ކަމަށެވެ. އަދި، ޠާލިބާންގެ އަމީރު މުއްލާ ހިބަތުﷲ އަޚުންދުޒާދާއަކީ އެފަދަ ކަމެއްގެ ޞަލާޙިއްޔަތު އޮތް ފަރާތެއް ނޫން ކަމަށެވެ.

ދެ ގައުމުން ބޭއްވި މަޝްވަރާތައް ނާކާމިޔާބުވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ، ޕާކިސްތާނުން ބޭނުންވި ގޮތަށް ކަންތައް ނުވުމެވެ. އެއީ ޓީޓީޕީގެ ޙަމަލާތަކަކީ ޝަރުޢީ ގޮތުން ޙަރާމް ހަމަލަތަކެއް ކަމަށް ކަނޑައަޅައި ފަތުވާއެއް ނެރުމެވެ. ނަމަވެސް އަފްޣާން އޮފިޝަލުން ވިދާޅުވީ ޠާލިބާންގެ އަމީރު އަޚުންދުޒާދާ އަކީ ކޮމާންޑަރެއް ކަމަށާއި، އޭނާގެ މަގާމަކީ ފަތުވާ ދިނުމަށް މުފްތީއެއް ނޫން ކަމަށެވެ. އަދި އަފްޣާނިސްތާންގައި ދީނީ ޙުކުމްތައް ނެރެނީ އެގައުމުގެ ރަސްމީ ދީނީ ޝަރުޢީ އިދާރާ ކަމަށްވާ ދާރުލްއިފްތާ އިން ކަމަށް ވެސް ބުނެފައިވެއެވެ. އަދި ޠާލިބާނުން ވަނީ އެމީހުންގެ ސަރުކާރުގެ ދީނީ ބާރާއި ސިޔާސީ ބާރު ވަކިކޮށް ދަމަހައްޓާކަން ޕާކިސްތާނަށް ކިޔައި ދީފައެވެ.

ދެ ފަރާތުގެ މި މަޝްވަރާތައް ކުރިއަށް ދިޔައީ މިދިޔަ އޮކްޓޯބަރު މަހު ބޯޑަރު ސަރަޙައްދުގައި ހިނގާފައިވާ ކުރިމަތިލުންތަކަކަށް ފަހުގައެވެ. ޓީޓީޕީގެ ޙަމަލާތަކާ ގުޅިގެން ޕާކިސްތާނުން ކާބުލް އާއި އެހެން ޕްރޮވިންސްތަކަށް ވައިގެ ހަމަލާތައް ދީފައި ވެއެވެ. އަދި އަފްޣާން ސިފައިން ވަނީ އާޓިލަރީ ބޭނުންކޮށްގެން ރައްދުގައި ހަމަލަ ދީފައެވެ. އަދި ޕާކިސްތާނުގެ ބޯޑަރު ޕޯސްޓްތަކެއް ވެސް އެމީހުންގެ ކޮންޓްރޯލު ދަށަށް ގެނަސްފައެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ.

މީގެ އިތުރުން އަފްޣާނިސްތާނުން ވަނީ އެ ޤައުމުގެ ސަރަޙައްދުތަކުގެ ތެރެއަށް އެމެރިކާއިން ދޭ ޑްރޯން ހަމަލާތައް ޕާކިސްތާނުން ހުއްޓުވުމަށް އެދިފައެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެފަދަ އެއްބަސްވުންތަކަކާ ގުޅިފައިވާތީ އެ ހަމަލާތައް ހުއްޓުވުމުގެ ބާރު ނެތްކަން ބުނެފައެވެ. މި މައްސަލަތަކުގެ ސަބަބުން ސުލްޙައިގެ މަޝްވަރާތަކަށް ހުރަސް އެޅިފައިވެއެވެ.

ޤަޠަރު އަދި ތުރުކީ އިން މެދުވެރިވެގެން ޤާއިމުކުރެވުނު ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާރު ވަނީ ހީނަަރު ވެފައެވެ.

ހިއްސާ ކުރައްވާ!