ޕާކިސްތާނުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ބޮޑުވެ، އެކަމުގެ އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ ޒުވާނުންނަށް ކަމަށް ސަރުކާރުގެ އަންނަ އަހަރުގެ ބަޖެޓާއި އަދި އެހެން މިނިވަން ދިރާސާތަކުން ދައްކައިފިއެވެ. މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު ދީފައި ވެއެވެ.
ޤައުމީ ފެންވަރުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް 2023 ވަނަ އަހަރުގެ 5.41 އިންސައްތައިން 2024 ވަނަ އަހަރު 5.47 އިންސައްތައަށް އަރާފައިވާއިރު، 2025 ވަނަ އަހަރު އެ އަދަދު 8 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިހާރުގެ ރަސްމީ ނިސްބަތަކީ 6.3 އިންސައްތައެވެ. ނަމަވެސް، އެންމެ ބޮޑު ކަންބޮޑުވުމަކީ ޒުވާނުންގެ ހާލަތެވެ.
ޕާކިސްތާނުގެ 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 32.5 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ ތަޢުލީމު ނުވަތަ ތަމްރީނު ނުވަތަ ވަޒީފާގައި ނޫޅޭ މީހުންނެވެ. އަންހެންވަޒީފާގައި ނޫޅޭ ރޭޓް 55 އިންސައްތައަށް އަރާއިރު، ފިރިހެނުންގެ ނިސްބަތް ވަނީ 11 އިންސައްތައިގައެވެ.
މީގެ އިތުރުން، ޔުނިވަރސިޓީތަކުން ދަސްވެނިވާ މީހުންގެ ތެރެއިން ވަޒީފާ ނުލިބޭ މީހުންގެ ނިސްބަތް ޤައުމީ އެވްރެޖަށް ވުރެ ތިން ގުނަ އިތުރެވެ. އޭގެ ތެރޭގައި އިންޖިނިއަރުންނާއި ކޮމްޕިއުޓަރ ސައިންސް ދާއިރާއިން ދަސްވެނިވާ މީހުން ހިމެނެއެވެ.
މި މައްސަލަ ބޮޑުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ތަޢުލީމާއި ވަޒީފާގެ ބާޒާރުގެ ބޭނުންތަކާ ދެމެދު ވިލަރެސް ވުމެއް ނެތުމާއި ޔުނިވަރސިޓީތަކާއި އިނޑަސްޓްރީއާ ދެމެދު ގުޅުން ބަލިކަށިވުމާއި، އިޤްތިޞާދު ހީނަރުވުމާއި މެކްރޯ އިޤްތިޞާދީ ހާލަތު ދަށަށް ދިއުން ހިމެނެއެވެ. އަދި ހަކަތައިގެ ދަތިކަމާއި ސިޔާސީ ހަމަޖެހުން ނެތުމުގެ ސަބަބުން އިންވެސްޓްމަންޓްތައް ވަނީ ހުއްޓިފައެވެ.
ގްލޯބަލް އިންނޮވޭޝަން އިންޑެކްސް 2025 ގައި ޕާކިސްތާނު 139 ޤައުމުގެ ތެރެއިން 99 ވަނައިގައި އޮތްއިރު، އިންފްރާސްޓްރަކްޗަރ އަދި ތަޢުލީމުގެ ދާއިރާ އޮތީ 124 ވަނައަށް ތިރިވެފައެވެ.
ޖިންސީ ތަފާތުކުރުންތައް ވެސް އަދި ވަޒީފާ ނެތް މައްސަލަ އިތުރަށް ގޯސް ވަމުން ދެއެވެ.
ވަޒީފާ ނެތް ޒުވާނުންގެ 51 އިންސައްތައަކީ އަންހެނުންނެވެ. އަންހެނުން ވަޒީފާގެ ބާޒާރުގައި ބައިވެރިވާ ނިސްބަތް 19.6 އިންސައްތައިގައި ހުރިއިރު، ފިރިހެނުންގެ ނިސްބަތަކީ 69.5 އިންސައްތައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އިންޖިނިއަރިން ދާއިރާއިން ދަސްވެނިވާ އަންހެން ކުދިންގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ މީހުންނަށް ވަޒީފާ ނުލިބެއެވެ.
މި ކަންކަމާ މެދު ހިތްހަމަނުޖެހިފައިވާ ޒުވާނުން ދަނީ ޑިޖިޓަލް އެކްޓިވިޒަމް، އަދި ސިޔާސީ ހަރަކާތްތަކާއި، އަދި އިންފްލޭޝަނާއި ކޮރަޕްޝަނާ ދެކޮޅަށް މުޒާހަރާތައް ކުރުމަށް ބުރަވަމުންނެވެ.
ޕާކިސްތާނަށް ކޮންމެ އަހަރަކު ވެސް 1.5 މިލިއަން ވަޒީފާ އުފެއްދުމަށް ބޭނުންވެއެވެ. ނަމަވެސް، އިޤްތިޞާދީ ހީނަރުކަމާއި ސިޔާސީ ހަމަޖެހުމެއް ނެތުމުގެ ސަބަބުން މިކަމަށް ހުރަސް އެޅެމުން ދެއެވެ.




