އަފްޣާނިސްތާނުގައި ޕާކިސްތާނުން ޒަމާނުއްސުރެ ގެންގުޅުނު "ސްޓްރެޓެޖިކް ޑެޕްތް" ޑޮކްޓްރިން މިހަރު ވަނީ ބިލާހަކަށް ވެފައެވެ. އެގޮތުން އަފްޣާނިސްތާންގައި އިސްލާމްއާބާދުގެ ސަރަހައްދީ ނުފޫޒާއި އެތެރޭގެ އެއްބައިވަންތަކަމުގެ ނާޒުކުކަން ހާމަވެގެން ހިނގައްޖެ އެވެ.
ގާތްގަނޑަކަށް 20އަހަރު ވަންދެން މި ސިޔާސަތުގައި ޕާކިސްތާނުން ދިޔައީ އިންޑިއާއާ ދެކޮޅު ވެރިކަމެއްގައި ޕަޝްތޫން މީހުންގެ ގައުމިއްޔަތާ ދެކޮޅަށް ކާބުލްގައި ވެރިކަމަކަށް ހިތްވަރު ދެމުންނެވެ. އެކަމަކު ޕާކިސްތާނުގެ ސިޔާސަތުތައް މިހާރު ގަބޫލުކުރަން ތާލިބާނުން ދެކޮޅު ހެދުމުން އިސްލާމްއާބާދުގެ ބާރު ކެނޑިފައި ވެއެވެ. އަދި ބޯޑަރު ހުރަސްކޮށް ސަރަހައްދީ ރޮނގުގެ ސައްހަ ކަމާ މެދުވެސް ގޮން ޖެހުންތަކެއް ކުރުވަމުން ދެއެވެ.
އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހު ޕާކިސްތާނުގެ މަތިންދާބޯޓުތައް ވަނީ ކާބުލްގައި ހުރި ކަމަށް ބުނާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. އޭގެ ދުވަސްތަކެއް ފަހުން ދެ ގައުމުގެ ސަރަހައްދު ވަކި ކުރާ ޑޫރަންޑް ލައިންގައި ހަމަނުޖެހުންތައް ހިނގައިފައި ވެއެވެ. އަދި އެ މައްސަލަ އަދިވެސް ދެމިއޮތްކަން ހާމަވެގެން ދެއެވެ. އިނގިރޭސި އިސްތިޢުމާރީ ޒަމާނުގެ ސަރަޙައްދު އަފްޣާނިސްތާނުން މިއަދާ ހަމައަށް ދުވަހަކުވެސް ބަލައި ގެންފައެއް ނުވެއެވެ.
ޕާކިސްތާނުން ދީފައިވާ މި ވައިގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު އަމީރު ޚާން މުއްތާގީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި ދިމާ ކޮށެވެ. އެ ދަތުރުފުޅުގައި ނިއުދިއްލީގައި ހުންނަ ކާބުލް އެމްބަސީ އަލުން ހުޅުވަން ނިންމާފައި ވެއެވެ. އޮބްޒާވަރުން ދެކެނީ މި ހަމަލާތަކަކީ އަސްކަރީ ބާރު ދެއްކުމަށާއި ތާލިބާނުންނާއި އިންޑިއާއާ ދެމެދު ގުޅުމަށް ޕާކިސްތާނުން ރުހުން ނުދޭ ކަމުގެ އިޝާރާތެއް ކަމަށެވެ.
ތުރުކީން މެދުވެރި ވެގެން ސުލްހައަށް މަސައްކަތްތައް ކުރިއެވެ. ނަމަވެސް އެކަން ހުއްޓުނީ އަފްޣާނިސްތާނުން އެގައުމުގެ އެތެރޭގެ ސަލާމަތީ ކަންކަމުގެ ޒިންމާ ނަގަން ޕާކިސްތާނުން ޑިމާންޑް ކުރުމުންނެވެ. އަދި އެ ޝަރުތަކީ ތާލިބާނުންގެ އޮފިޝަލުން ދެކޮޅު ހަދާފައިވާ ޝަރުތެކެވެ. މި ފަސްމަންޒަރުގައި އިސްލާމްއާބާދަށް ކާބުލްގެ ވެރިން ސިޔާދަތު ފެތުރުމަށް ކުރާ މަސައްކަތް ފާހަގަ ވިއެވެ.
ޕާކިސްތާންގެ މި ނަޒަރިއްޔާގެ ނާކާމިޔާބީގެ ސަބަބުން ނަސްލީ ގޮތުން އަދަބު ދިނުމުގެ އުސޫލު އަނެއްކާވެސް ފެންނަން ފަށައިފިއެވެ. ޚައިބަރު ޕަޚްތުންޚްވާގައި ޕާކިސްތާންގެ ޕަންޖާބު ސަރަހައްދުގެ މީހުންގެ ބާރުގަދަކަމާ ދެކޮޅަށް ޕަޝްތޫނުން ދެކޮޅުވެރިކަން އިތުރުވަމުންދާ ކަން ފާހަގަ ވެއެވެ. އަދި ބަލޫޗް ވަކިވެގަތުމުގެ ހަރަކާތްތަކަށް ވެސް އެއާއެކު ބާރު ލިބެމުންދެއެވެ. މި ޕްރެޝަރުތައް ވަރުގަދަވެއްޖެނަމަ ސަރަޙައްދުތައް ކޮންޓްރޯލު ނުކުރެވި ފަޅައިގެން ހިނގައި ދާނެކަމުގެ އިންޒާރު އޮބްޒާވަރުން ދެއެވެ.






